އިންޑިއާ، ދިވެހިރާއްޖެ، މޮރިޝަސް އަދި ސްރީލަންކާ ހިމެނޭ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މެމްބަރު ޤައުމުތަކުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 7 ވަނަ ބައްދަލުވުން އިއްޔެ ވަރޗުއަލްކޮށް ބާއްވައިފިއެވެ.

މިބައްދަލުވުމުގެ އޮބްޒާވަރުންގެ ގޮތުގައި ބަންގްލަދޭޝް އާއި ސޭޝެލްސްގެ ވަފުދުތައް ވަނީ ބައިވެރިވެފައެވެ.

މިބައްދަލުވުމުގައި ވަނީ 2022 މާރިޗު 9އިން 10އަށް ބޭއްވި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 5 ވަނަ ބައްދަލުވުމާއި 2022 ޖުލައި 7 ގައި ބޭއްވި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 6 ވަނަ ބައްދަލުވުމުގެ ނިންމުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އަދި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެކި ދާއިރާތަކުން ކުރިޔަށްގެންގޮސްފައިވާ ހަރަކާތްތަކާ ގުޅޭގޮތުންނާއި 2023-2024ގައި ކުރިޔަށްގެންދާނެ ހަރަކާތްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުވުމުގައި މެންބަރު ޤައުމުތަކުން ވަނީ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން އަންނަ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭއްވުމަށް އެއްބަސްވެފައެވެ.

ކޮލަމްބޯ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 6 ވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2023 އޮކްޓޫބަރު 5-6 ގައި މޮރިޝަސްގައެވެ.