ނިމިގެންދިޔަ 2020 ވަނަ އަހަރު ދެކުނު ކޮރެއާގައި އުފަންވި ކުދިންނަށްވުރެ މަރުވި މީހުން ގިނަކަން ތަފާސްހިސާބުތަކުން ދެއްކުމާ ގުޅިގެން އެގައުމުގައި ވަރުގަދަ ބަހުސްތަކެއް ފެށިއްޖެއެވެ.

ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް އިންޓީރިއަރ އެންޑް ސޭފްޓީން އާންމުކުރި މިދިޔައަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާފައިވަނީ އެގައުމުގެ އާބާދީ މަދުވަމުންދާ ކަމެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާ ކަމެވެ.

ބޯހިމެނުމުން ދައްކާފައިވަނީ، މިދިޔަ އަހަރަކީ އެގައުމުގެ ތާރީޚްގައިވެސް މިހާތަނަށް އެންމެ މަދުން ކުދިން އުފަންވި އަހަރު ކަމަށެވެ.

މިކަމާހެދި، އާބާދީ އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް އެތައް ފަރާތަކުން ސަރުކާރާއި، ކަމާބެހޭ އެހެން އިދާރާތަކަށް ގެންދަނީ ގޮވާލަމުންނެވެ. މިމައްސަލަ ހައްލުކުރަން ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރަންޖެހޭ ކަމަށްވެސް ގެންދަނީ ބުނަމުންނެވެ.

ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް އިންޓީރިއަރ އެންޑް ސޭފްޓީން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ އަހަރަކީ، އަހަރު ތެރޭގައި އުފަންވި ކުދިންގެ އަދަދަށްވުރެ މަރުވި މީހުން ގިނަވި ފުރަތަމަ އަހަރު ކަމަށެވެ. އަދި ހަމަ އެއާއެކު، ގައުމުގެ އާބާދީ ވަރަށް ބޮޑުތަނުން މަދުވާން ފަށާފައިވާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.

ބޯހިމެނުމުގެ ހިސާބުތައް ދައްކާގޮތުން ދެކުނު ކޮރެއާގެ އާބާދީގެ %32.7 އަކީ އުމުރުން 40 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނެވެ. އަދި މުޅި އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ.

އިންޓީރިއަރ މިނިސްޓްރީން އާންމުކުރި ހިސާބުތައް ދައްކާގޮތުން، ދެކުނު ކޮރެއާގައި މިދިޔަ އަހަރު އުފަންވެފައިވަނީ 275،815 ކުދިންނެވެ. ނަމަވެސް، މިއީ އޭގެކުރީ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ދަށް އަދަދެކެވެ.

އަލަށް އުފަންވި ކުދިންގެ އަދަދަށްވުރެ މަރުވި މީހުންގެ އަދަދު އިތުރުކަމަށް ބުނެފައި ވީނަމަވެސް، މިދިޔަ އަހަރު މީހުން މަރުވި އަދަދު ގިނަވި ސަބަބެއް ދެކުނު ކޮރެއާގެ އިންޓިރިއަރ މިނިސްޓްރީން ބުނެފައެއް ނުވެއެވެ. އަދި މީހުން ގިނައިން މަރުވުމާއި ކޮވިޑް-19 އާ ގުޅުންހުރީ ކިހާ މިންވަރަކަށް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 ބަލީގައި އެގައުމުން މިހާތަނަށް މަރުވެފައިވަނީ 981 މީހުންނެވެ.