ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސުޕްރީމް ކޮމާންޑަރު އޮފް ދަ އާމްޑް ފޯސަސް އަދި އަބޫދާބީގެ ވަލީ އަހުދު، ޝައިޚު މުހައްމަދު ބިން ޒާއިދު އަލް ނަހްޔާންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޔޫއޭއީގެ ވަލީއަހުދާއި ރައީސް ސޯލިހު ބައްދަލުކުރައްވާފައިވަނީ، އެމަނިކުފާނު މިހާރު އެގައުމަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު، ވަލީއަހުދުގެ ގަނޑުވަރުގައެވެ.

ރައީސް އޮފީހުން ބުނީ އަބޫދާބީގެ ވަލީއަހުގެ ގަނޑުވަރުގައި މިއަދު ހެނދުނު ބޭއްވެވި އެ ބައްދަލުވުމުގައި، ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ހާލަތު އަބޫދާބީގެ ވަލީ އަހުދު އޮޅުންފިލުއްވި ކަމަށާއި ރައީސްވެސް ޔޫއޭއީގެ ހާލަތު އޮޅުންފިލުއްވި ކަމަށެވެ. ކޮވިޑް ކޮންޓްރޯލްކުރަން ގައުމުތަކުން ކުރަމުން އަންނަ މަސައްކަތުގައި ޔޫއޭއީ އިން ދައްކަމުން އަންނަ ލީޑަޝިޕަށް އެ ބައްދަލުވުމުގައި ރައީސް ތައުރީފުކުރެއްވިއެވެ.

މީގެ އިތުރުން މި ބަލިމަޑުކަމާ ކުރިމަތިލުމަށް ޔޫއޭއީގެ ސަރުކާރުން ގެންގުޅޭ ޓެކްނޮލޮޖީގެ އީޖާދީ އިސްތިރާޖުތަކަށްވެސް ރައީސް ސޯލިހު ވަނީ ތައުރީފުކުރައްވައިފައެވެ.

ރައީސް ސޯލިހާއި ޔޫއޭއީގެ ވަލީއަހުދާ ދެމެދު މިއަދު ކުރިއަށް ގެންދެވި މަޝްވަރާތަކުގައި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން ވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން، އަބޫދާބީ ފަންޑް ފޮ ޑޮވަލޮޕްމަންޓް (އޭޑީއެފްޑީ) ގެ ދަށުން ރާއްޖެއަށް ލިބެމުންދާ އެހީތަކާ ބެހޭގޮތުން ރައީސް ސޯލިހާއި ވަލީއަހުދު ނަހްޔާން ވަނީ ވާހަކަފުޅުދައްކަވައިފައެވެ.

ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނާއި އެއްބާރުލުން އިތުރުކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭގޮތުން ވެސް ރައީސާއި އަބޫދާބީގެ ވަލީއަހުދު މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަލީއަހުދު ނަހްޔާން ވަނީ، ޔޫއޭއީގެ ފަރާތުން ރާއްޖެއަށް ދެމުންދާ އެއްބާރުލުން އެގޮތުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ވަކިން ހާއްސަކޮށް، މަސްވެރިކަމާއި ކާބޯތަކެތީގެ ސަލާމަތްތެރިކަމާއި ދަތުރުފަތުރުގެ ދާއިރާ އާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ތަރައްގީގެ މަޝްރޫއުތަކަށް ޔޫއޭއީއިން ދެމުންދާ އެއްބާރުލުން އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޔޫއޭއީ އަކީ 1970 ގެ އަހަރުތަަކުން ފެށިގެން ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. އެގޮތުން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް 50 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމުގެ އެމްއޯޔޫއެއްގައި މިދިޔަ މާޗްމަހު ވަނީ ސޮއިކޮށްފައެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަަޝްރޫ އާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އެގައުމުން މި ފަހުން އެންމެ ބޮޑަށް އެހީވި ދެ މަޝްރޫއެވެ.

ރައީސް ސޯލިހު ދުބާއީއަށް ވަޑައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމަނިކުފާނު ދުބާއީގައި ތިން ދުވަހު މަޑުކުރެއްވުމަށްފަހު މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.