މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްޤީކުރުމުގެ އެއްބަސް ވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ދެމެދު އެއްބަސްވުމުގައި ސޮއި ކުރެވުނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. މިއީ ދިވެހިންގެ އުފާވެރި އުންމީދުތަކަކާ ގުޅިފައިވާ ބޮޑު މަގެއްކަން ޔަގީނެވެ، މާލޭގެ އެންމެ މުހިންމު އަދި އެންމެ ހާއްސަ އެއްމަގެއްގެ ގޮތުގައި އަބަދުވެސް ނަންވެ ފާހަގަވެފައިވާ މި މަގު ރީތި، އަދި ރައްކާތެރި ޗާލު ތަނަކަށް ވުމަކީ ކޮންމެ ދިވެެއްސެއްގެވެސް އެދުމެއްކަން ޔަގީނެވެ.

އުންމީދުތަކާ ގުޅިފައިވާ އަމީނީމަގުގެ މަސައްކަތްތައް ފެށުން

މިއުންމީދާއި އިންތިޒާރާ ގުޅިފައިވާ "ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު" އިފްތިޙާހު ކުރުމުގެ ރަސްމިއްޔާތު ވަނީ 30 އޮގަސްޓް 2002 ގައި ބާއްވާފައެވެ. އަދި މިރަސްމިއްޔާތު ބޭއްވުމަށްފަހު މާގިނަ ދުވަސްތަކެއް ނުވެ އަމީނީމަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 12 ސެޕްޓެމްބަރ 2022 ވަނީ ފެށިފައެވެ.

މިއީ ބޮޑު މަސައްކަތެއްކަން ޔަގީނެވެ. މީހުން ދިރިއުޅެމުންދާ ހަލަބޮލި މާލެސިޓީގެ އެންމެ މުހިންމު އަދި އެންމެ ކާރޫބާރޫ ބޮޑު އެއްމަގުކަމަށްވުމާއެކު އަމީނީމަގަކީ މާލޭގެ ހާއްސަ އެތައް ތަނެއް ގާއިމު ކުރެވިފައިވާ ބޮޑު މަގެކެވެ. އެހެންކަމުން މިއީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެތައް ގޮތަކުން އެތައް ބަޔަކަށް ދަތިތަކެއް ކުރިމަތިވެގެންވިޔަސް، ރަނގަޅުގޮތެއްގައި ނިމުމުން އޭގެ ފަހުން ދެން އޮތީ ފައިދާއާއި ފަސޭހަ ކަމެވެ.

ކޮންމެއަކަސް ދިވެހިންގެ ބައެއް ހިތްތައް ހަމަނުޖެހުމާއި ނުރުހުންވުމުގައި ދުލުން ރުޅިބަސްތައް ބުނިކަމުގައި ވިޔަސް ކުރިންވެސް ދެންނެވިހެން މިއި ފާރެއް ރޭނުން ނޫނީ ގެއެއްގައި ތަޅުން އެޅުން ނުވަތަ ތަޅުމުގައި ތަށިމުށިޖެހުން ފަދަ މަސައްކަތެއް ނޫނެވެ. ކަމަކީ އޭގެ އަސްލު ހަގީގީ މަގުސަދާއި ބޭނުންވާ ފުރިހަމަ ކަމަށް ގިނަ ދުވަހަށް ދެމިގެންދާހާ ވަރުގަދަކޮށް ކުރަންޏާ ވަގުތު ނަގާނެ އަދި ވިސްނުމާއި ފިކުރު ހުސްކުރަން ޖެހޭ ބޮޑު ކަމެކެވެ. އެހެންނަމަވެސް ރުންކުރުވެ ނުރުހުންވެފައިވާ މީސްތަކުންގެ އަޑުވެސް ދޭތެރެއަކުން ނަމަވެސް ދިޔައީ އިވެމުންނެވެ. ހަމައަނެއްކޮޅުން މިއަޑުތަަކަށް ޖަވާބުދެމުން އަމީނީމަގުގެ މަސައްކަތްވެސް ދިޔައީ ކުރިއަށެވެ.

އަމީނީމަގު ހަދާނީ އެންމެ ޒަމާނީ ފެންވަރުގައި ކަމަށް އާރްޑީސީއިންވަނީ ހާމަކޮށްފައެވެ. އެގޮތުން، އެ މަގުގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކާއި ކޮށްފައިވާ ޕްލޭންތަކުގެ ތެރޭގައި:

  • 1.79 ކިލޯމީޓަރުގެ ތާރު އަޅާނެ
  • ބަސް ހުއްޓިތަކާއި ޕާކިން ޒޯނުތައް ހަދާނެ
  • މަގުބައްތި ހަރުކުރާނެ
  • ގަސް އިންދައިގެން ފެހިކުރުމަށް 'ޓްރީ ޕިޓް' ބަހައްޓާނެ
  • ކޭބަލް އެޅުމަށްޓަކައި މަގުގެ ދެ ފަޅީގައި ކޭބަލް ޓްރޭ ހަދާނެ
  • އެޗްވީ ކޭބަލަށް ހާއްސަކޮށްގެން ޖަންކްޝަންތަކެއް ބަހައްޓާނެ
  • ވީލްޗެއާ އެކްސެސް ގާއިމް ކުރާނެ
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ދުވާރުގައި ބްރެއިލް ބްލޮކްސް ޖަހާނެ
  • ސައިން ބޯޑުތަކާއި ބަމްޕަރުތައް ހަދާނެ
  • ފެން ހިންދާ ނިޒާމެއް ގާއިމް ކުރާނެ

އަމީނީމަގުގެ އަމަލީމަސައްކަތުގެ ފެށުން، ސެގްމެންޓް 1

12 ސެޕްޓެމްބަރ 2022 ވަނަ ދުވަހު އަމީނީ މަގު ހެދުމުގެ މަޝްރޫއު ގެ އަމަލީ މަސައްކަތް ފެށި، އެގޮތުން ސެގްމެންޓް އެކެއްގެ މަސައްކަތް ފެށިފައިވަނީ މާލޭގެ އިރުން އަމީނީމަގާއި ބޮޑުތަކުރުފާނުމަގު ގުޅުނު ހިސާބުން ހުޅަނގަށް ދަރުބާރުގެ މައި ދޮރާއްޓާ ހަމައަށެވެ.

އަމީނީ މަގު ހަދަން ފެށީ ލޮނުޒިޔާރަތް ޕާކާ ދިމާލުންނެވެ. ހެންވޭރާވީ ދިމާލުން ދަރުބާރުގެ ކުރިމަތީގައި އޮންނަ އިރުދޭމާ ހިނގުމާ ހަމައަށް އަމީނީ މަގު ބަންދުކޮށް، އެ މަގުގެ ބަސް ދަތުރުތަކަށް ވެސް ބަދަލުގެންނަން ނިންމައިމ އެކަންތައް އިއުލާން ކުރެވުނެވެ.

އަމީނީމަގުގެ މަސައްކަތްތައް ކުރުން މަޑު ޖައްސާލުން

19 ސެޕްޓެމްބަރު 2022 ގައި ހައުސިންގ މިނިސްޓްރީ އިން އަންގައިގެން އާރުޑީސީ އިން އަމީނީމަގުގެ މަސައްކަތްތައް ކުރުން މަޑު ޖައްސާލެވުނެވެ. ވަގުތީ ގޮތުން މަސައްކަތްތައް މަޑު ޖައްސާލަން މިނިސްޓްރީން އަންގާފައިވަނީ މަގު ހެދުމަށް، އެނަރޖީ ރެގިއުލޭޓަރީ އެތޯރީޓީ އިން ހޯދަންޖެހޭ ބައެއް ހުއްދަތައް ދިނުމުގައި ބައެއް އިދާރީ ބައެއް މަސައްކަތްތައް އެވަގުތަށް ނިމިފައި ނުވާތީ އެ އޮތޯރިޓީގެ އެދުމުގެ މަތިންނެވެ. މިއީ އަނެއްކާވެސް އިނގިލި ދިއްކުރެވި އަޑުއުފުލިގެން ދިޔަ ދަތި ވަގުތަކަށްވެގެންދިޔައެވެ.

މަގުގައި ހުރި ގަސްތަކުގެ މައްސަލަ

މިއީވެސް އެތައް ހުރަސްތަކަކާއި އެތައް އުނދަގޫ މަރުހަލާތަކެއް ކަޑައްތު ކުރަން ޖެހުނު ކަމެކެވެ. އަމީނީމަގަކީ ޒަމާނުއްސުރެ އެމަގުގައި އެތައް ބިޔަ ގަސްތަކެއް ހެދިފައިހުރި މަގެކެވެ. ގަސްތައް ބަހައްޓައިގެން މަސައްކަތް ކުރަން ކިތަންމެހާވެސް އާރްޑީސީ ވެސް ބޭނުންވެއެވެ. އެހެނެއްކަމަކު އެކަމެއް ކުރެވޭނީ ވާން އޮތްގޮތަކަށްކަމުން މިކަންވެސް ކުރަންޖެހުނީއެވެ. އެގޮތުންމ 28 ސެޕްޓެމްބަރު 2022 ގައި އަމީނީމަގު ހެދުމަށް އެމަގުގައި ހުރި ގަސްތައް ނެގުން ހުއްޓުވުމުގެ އަމުރަކަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅުނެވެ. އަދި ގަސްތައް ނަގަން ޖެހުނު ސަބަބު ވަރަށް ތަފްސީލުކޮށް ކަމާއިބެހޭ އިދާރާތަކާއި މުއައްސަސާތަކާއި އާރުޑީސީން ހިއްސާކުރިއެވެ. އަދި މަގުގެ މަސައްކަތް ނިމޭއިރު ގަސް އިންދާނެ ގޮތުގެ ޕްލޭން ހިއްސާ ކުރެވުނުވެސްމެއެވެ.

އަމީނީމަގުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު.

އަމީނީމަގުގެ ސެގްމަންޓް 1،2،3،4،5،6،7 ގައި މިހާރުވަނީ ތާރު އަޅާނިމިފައެވެ. އެއީ މާލޭގެ އިރުން އަމީނީމަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ހިސާބުން ފެށިގެން ރަށްދެބައި ހިނގުމާއި ހަމައަށް ވާ ހިސާބެވެ. މިހާރު ކުރިއަށް ދަނީ ސެގްމަންޓް 8 ގެ މަސައްކަތްތަކެވެ. އަމީނީ މަގު ސެގްމަންޓް 1،2،3 ގައި ތާރު އެޅުމުގެ މަސައްކަތް ފެށީ 9 ފެބްރުއަރީ 2023 ގައެވެ. އަދި އާންމުން ބޭނުން ކުރުމަށް މަގު ހުޅުވާލާފައި ވަނީ މާރިޗް މަހުގެ 5 ވަނަ ދުވަހުއެވެ.

ސެގްމެންޓް 5، 6 7 8 ގައި ތާރު އެޅުމުގެ މަސައްކަތް ފެށިފައިވަނީ 25 މޭ 2023 ގައި އަދި އެ މަސައްކަތް ނިމިފައި ވަނީ 29 މޭ 2023 ގައެވެ.

މިހާރު ކުރިއަށްދާ ސެގްމަންޓް އަށެއް ގެ ބޮޑެތި ގިނަ މަސައްކަތްތައްވެސް ވަނީ ނިންމާލެވިފައެވެ.

ދިމާވި އެންމެ ބޮޑު ގޮންޖެހުން

މިއީ އެތައް އެތައް އަހަރަކަށްފަހު މިފަދަ ގޮތަކަށް އަމީނީ މަގު ތަރައްގީ ކުރާ ފުރަތަމަ ފަހަރެވެ. ކަމަކީ ފަސޭހަ ނޫން އެހެނަސް ދަތިވިޔަސް ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރުން މަޖުބޫރު އަދި ނިމުމަށްފަހު ނަތީޖާ އުފާވެރި ކަމެކެވެ. ބަސްބުނެލާ ފަރާތްތަކަށް ފަސޭހަ ވިޔަސް މަސައްކަތް ކުރާ އަދި ކުރުވާ ފަރާތްތަކަށް ފަސޭހަކަމެއްނޫނެވެ. އެގޮތުން، އާރްޑީސީއިން ހާމަކޮށްފައިވާ ގޮތުގައި އަމީނީމަގުގެ މަސައްކަތްތައް ކުރިއަށް ދިޔައިރު މަގު އަޑި އޮތް ނޭނގުމާއި، މަގުގެ އަޑީގައި ވަޅުލާފައިވާ ހޮޅިތަކާއި، ކަރަންޓް ކޭބަލް، އިންޓަނެޓް ކޭބަލްފަދަ މުހިއްމު އެއްޗެހި ހުރި ގޮތް އެ ގޭނެ ގޮތެއް ނެތުމުން މަގު ކޮނެގެން ކުރަންޖެހޭ މަސައްކަތްކަށް ވަރަށް ބޮޑު ގޮންޖެހުންތައް ކުރިމަތިވިއެވެ. އަދި މަގުގެ މަސައްކަތުގައި ބައިވެރިވާ ބައެއް ސްޓޭކްހޯލްޑަރސް ގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ ބައެއް ވަސީލަތްތައް ފޯރުކޮށްދިނުމުގައި ލަސްތަކެއް ވުމުން މަސައްކަތު ސްޕީޑް ދަށްވުން ފަދަ ދަތިތަކާއި ކުރިމަތިވިކަމަށްވެސް އެފަރާތުން ވަނީ ހާމަކޮށްފައެވެ.

އާރްޑީސީގެ ހިންމަތާއި މިންނަތުގެ ނަމޫނާ ދައްކުވައިދޭ މި މަސައްކަތް ނިމެނީ...؟

ދިމާވަމުންދާ ގޮންޖެހުންތަކާއި ޖަވާބުދާރީވާން އިރުއިރުކޮޅުން ވިޔަަސް ކުރިމައްޗަށް އަންނަ ސުވާލުތަކާއި ޒުވާބުތަކާއި އަދި މަގުގެ ގޮތްނޭނގޭ އަދިގުޑަންތަކާއެކުވެސް އާރްޑީސީ ކުރަމުން އަންނަ ހިތްވަރަށް ސާބަސްދޭހާވެއެވެ. ހިންމަތާއި މިންނަތުން ކުރަމުންދާ މިމަސައްކަތަށްވެސް ނިމުމެއް އަންނާނެކަން ޔަގީނެވެ. އެހެނީ ފެށުނު ކަމެއް ކޮންމެކަމަކަށްވެސް ނިމުމެއް އަންނާނެތީއެވެ.

އެތައް ބަޔަކު މިދިގު އަދި އެތައް ގޮތަކުން ގުޅުން އޮތް ބޮޑު މަގުގެ މަސައްކަތްތައް ރަސްމީކޮށް ނިމި، މަގު ހުޅުވާލެވޭނެ ވަގުތަކަށް ކެތްތެރިކަން ކުޑަގޮތެއްގައި އިންތިޒާރު ކުރަމުންދާކަން ޔަގީނެވެ. އާއެކެވެ. އެދުވަސްވެސް އަންނާނެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިންހެން ނިންމާލެވެނޭ ކަމަށް އަންދާޒާ ކުރެވެނީ ސެޕްޓެމްބަރު މަހުގެ މެދު ތެރެއާ ހަމައިގައެވެ. ހަމައެހެންމެ މަސައްކަތް ބައްޓަން ކުރެވިފައިވަނީވެސް އެ މުއްދަތަށް ނިންމޭނެފަދައިންނެވެ.

އަމީނީމަގު ޕްރޮޖެކްޓަށް ހަރަދުވަނީ 84 މިލިއަން ރުފިޔާއެވެ.