ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގައި، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރާއި ސީއެފްއޯގެ ބޭންކް އެކައުންޓަށް އެކުންފުނީގެ ފައިސާއެއް ޖަމާވެފައިވާކަން ތަހުގީގަށް ފާހަގަވެފައިނެތްކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިހާތަނަށް ފުލުހުން ބެލިބެލުމުން ފައިސާ ޖަމާކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖަރެއްގެ އެކައުންޓަށް ކަމަށްވެފައި، އެ އެކައުންޓުން އެހެން އެކައުންޓުތަކަށް ފައިސާ ފޮނުވާފައިވާކަން ފާހަގަވެފައި ވާތީ މިހާރު ތަހުގީގު ކުރަމުންދަނީ އެއީ ކޮންބޭނުމަކު ކޮށްފައިވާ މުއާމަލާތްތަކެއްތޯ ބެލުމަށް ކުރާ ތަހުގީގެއް ކަމަށެވެ. ފުލުހުން ބުނީ މިހާރު ބަލަމުންދާ މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކަށް ތުހުމަތު ކުރެވިފައިނުވާ ކަމަށެވެ.

އާރްޑީސީން ވަނީ އެކުންފުންޏާ ގުޅުންހުރި މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފައި ވަނިކޮށް، އެކުންފުނީގެ ބީއެމްއެލް އެކައުންޓުން ތޭރަ މިލިއަނަށްވުރެ ގިނަ ރުފިޔާ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އަމިއްލަ ބޭނުމަށް ނަގާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ދައުރުވަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު، ދޮގު ވާހަކައެއް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އާރްޑީސީގެ އެބަޔާނުގައި، އެ ކުންފުނީގެ ފައިސާއާ ގުޅޭ އެއްވެސް މައްސަލައެއް ތަހުގީގު ކުރާކަމުގެ މައުލޫމާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފުލުހުންގެ ފަރާތުން ވެސް އަންގާފައި ނުވާ ކަމަށް ބުނެފައިވެއެވެ. އަދި އެކުންފުންޏަކީ ގަވައިދުން އޮޑިޓް ކުރާ ކުންފުންޏަކަށް ވެފައި، އެ ކުންފުނީގެ މާލީ ސިޔާސަތުތަކާ ހިލާފަށް ފައިސާގެ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށާއި އެފަދަ މައްސަލައެއް ފާހަގަ ވެސް ކުރެވިފައިނުވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެެވެ.

މި މައްސަލައާ ގުޅޭ އެއްވެސް ތަފުސީލެއް އޭރު ފުލުހުން ނުދެއެވެ.