މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭގައި ސަންގު ޓީވީން ގެނެސްދިން "ނާޒިމަށް ސުވާލެއް" ޕްރޮގްރާމްގައި ވާހަކަދައްކަމުން ވިދާޅުވީ އޭނަގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ދަތުރުފަތުރު އަގުހެޔޮކުރުން ކަމަށެވެ.

ނާޒިމް ވިދާޅުވީ ބޮޑެތި ރަށްރަށުގައި ބަހުގެ ހިދުމަތް ތައާރަފްކޮށް، މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި ލުއިފަސޭހަތަކެއް ހަމަޖައްސާދޭނެކަމަށެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ މިހާރު މިއޮތް ޕަބްލިކް ޓްރާންސްޕޯޓް ހިންގަނީ ގެއްލުމެއްގައި ކަމަށާއި، މިއީ ކުރު މުއްދަތެއްގައި ފަހުން ގެއްލުން ވާނެ ފަދަ ލޯނެއް ކަމަށެވެ.

މިކަމުގެ ގެއްލުން ފަހުން ދުރު މުސްތަގުބަލުގައި ކުރާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.އަދި މިހާރުވެސް ލޯންޗު އަދި ބޯޓު ފަހަރު ދުއްވާ މީހުންނަށް މާލީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތައް ވާކަމަށްވެސް ނާޒިމް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި އިތުރަށް ލޯންޗުތައް ނުބާއްވާނެކަމާއި، މިހާރު އޮތް ލޯންޗުތަކުން ސަރުކާރުން ކަނޑައަޅާ އަގެއްގައި ދަތުރުފަތުރު ކުރާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މާލެއިން ފެށިގެން ހުޅުމާލެ އަށް އަދި މާލެއިން އެއާޕޯޓަށް އެއާޕޯޓުން މާލެއަށް މޮނަރެއިލްގެ ނިޒާމް އިން ގުޅާލާނެ ކަމަށެވެ. އަދި ރޭލުގެ ހިދުމަތް ތަހުޒީބު ޒަމާނުގެ ފެންވަރުގެ ބާރުގައި ދުވާގޮތައް ހަމަޖައްސާނެކަމަށްވެސް ވިދާޅުވިއެވެ.

'ރޭލު' ނިޒާމަކީ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމެއްކަމަށްވެސް ނާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން ތޮއްޖެހުމަށް ނިމުމެއް އައިސް އަރާމުކަމާއެކު ދަތުރުފަތުރު ކުރެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.