ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ފައިސާތަކެއް އަމިއްލަ އެކައުންޓަށް ޖަމާކުރިކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ހަބަރާ ގުޅޭގޮތުން ފައިސާއަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށާއި މިކަމާގުޅިގެން އަބުރުގެ ދައުވާކުރުމަށް އާރުޑީސީގެ ފައިނޭންޝަލް ކޮންޓްރޯލަރ ޔާސިރު ހުސައިން ނިންމަވައިފިއެވެ.

ޔާސިރު މިހެން ވިދާޅުވީ މިއަދު ނެރުއްވި ބަޔާނެއްގައެވެ. ބަޔާނުގައި ޔާސިރު ވިދާޅުވެފައި ވަނީ ހިޔާނާތުގެ ތުހުމަތު އަމާޒުކުރަމުން ދަނީ އެ ކުންފުންޏަށް މީހުން ކުރަމުންދާ އިތުބާރު ގެއްލުވާލަން ކަމަށެވެ. ޔާސިރު ވިދާޅުވީ މި މައްސަލައާ ގުޅިގެން އޮންލައިން ދެނޫހަކާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ހުށަހަޅާފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކުންފުންޏާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރާކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެކަމަށް ޔާސިރުގެ ބަޔާނުގައިވެއެވެ.

ޔާސިރު ވިދާޅުވީ ކުންފުނީގެ ސީއެފްއޯގެ ހައިސިއްޔަތުންވެސް ބޭންކުގައި ހުންނަ ފައިސާގެ މުއާމަލާތްތައް ކުރުމުގެ ހުއްދަ ލިބިގެންނުވާ ކަމަށާއި އެފަދަ މުއާމަލާތްތައް ކުރަނީ އެކަމަށް ކަނޑައަޅައިފައިވާ މުވައްޒަފުން ކަމަށެވެ. އަދި އާރުޑީސީގެ ހުރިހާ ކަމެއް ކުރިއަށްގެންދަނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ތިން އަހަރު ތެރޭގައި އޭނާގެ އެކައުންޓަށް އެފަދަ އެއްވެސް ފައިސާއެއް ނުވަންނަކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.

އާރުޑީސީގެ މުވައްޒަފުންތަކެއްގެ އެކައުންޓްތަކަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވިކަމަށް ބުނާ މައްސަލައެއް ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށާއި ކުންފުނީގެ ވެރިންގެ އެކައުންޓަށް ފައިސާއެއް ޖަމާވިކަން މިހާތަނަށް ފާހަގަވެފައި ނުވާކަމަށް ފުލުހުންވެސް ބުނެއެވެ.