އާޝޫރާ ދުވަހުގެ މާތްކަމާއި އެދުވަހުގެ ރޯދައަށް އަލިއަޅުވަމުން އާޝޫރާ ވިލޭރޭގައި "އާޝޫރާ ދުއާ"ގެ ނަމުގައި ވަކި ދުއާއެއް ކުރުމާއި އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުއު ކުރައްވާފައި ނެތް ކަމަށާއި އެއީ ދީނުގައި ނެތް ބިދުއައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހާމަކޮށްފިއެވެ.

"އާޝޫރާ ދުވަހުގެ މާތްކަން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި މުހައްރަމު މަހުގެ ދިހަވަނަ ދުވަހަށް ނުވަތަ އާޝޫރާ ދުވަހުގެ މާތްކަމާއި ހާއްސަކަމަށް އަލިއަޅުވަމުން ބުނީ މި ދުވަހަކީ ހެޔޮކަމާއި ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ.

ތަފްސީރު ފޮތްތަކުގައި ބަޔާންވެގެންވާ ގޮތުން އެ ދުވަހަކީ މާތް ﷲ އާދަމުގެފާނުގެ ތައުބާ ގަބޫލުފުޅު ކުރެއްވި ދުވަސް ކަމަށާއި ނޫހުގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ތޫފާނުން ސަލާމަތް ކުރެއްވި އަދި އިބުރާހީމުގެފާނު އަންދާލުމަށް ލައުނަތް ލެއްވި ނަމްރޫދު ރޯކުރި އަލިފާންގަނޑުން އިބްރާހިމްގެފާނު ސަލާމަތްކުރެއްވީވެސް މުހައްރަމް މަހުގެ ދިހަވަނަ ނުވަތަ އާޝޫރާ ދުވަހުގައެވެ.

އަދި ހަމައެހެންމެ ޔޫސުފުގެފާނު އެކަލޭގެފާނުގެ އަހުންގެ ނުބައި ރޭވުންތަކުން ސަލާމަތް ކުރެއްވުމަށްފަހު އެކަލޭގެފާނުގެ ބަފައިކަލުން ޔައުގޫބުގެފާނު އަލުން ބައްދަލުވެވަޑައިގަތީ އާޝޫރާ ދުވަހު ކަމަށް ހުތުބާގައި ބުންޏެވެ. އަދި ޔޫނުސުގެފާނު މަހުގެ ބަނޑު ތެރެއިން ސަލާމަތްވެ ވަޑައިގަތީވެސް އަދި އައްޔޫބުގެފާނު އިމްތިހާނު ކުރެއްވުމުގެ ގޮތުން އެކަލޭގެފާނަށް ޖެއްސެވި ދިގު މުއްދަތުގެ ބޮޑު އާލާސްކަންފުޅުން އެކަލޭގެފާނު ސަލާމަތް ކުރެއްވީވެސް އާޝޫރާ ދުވަހުގައި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މިފަދަ ހާދިސާތަކުން އެނގެނީ މުސީބާތުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމަށާއި އާހިރަތުގައި ނަސްރާއި ނަސީބު ލިބުމުގެ މަގަކީވެސް އެއީ ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ. މާތްﷲ އަށް އިތުބާރުކޮށް އެކަލާނގެ ޙަޒްރަތަށް ރުޖޫއުވެގެން މެނުވީ ދެދުނިޔޭގައިވެސް ސަލާމަތެއް ނެތްކަމަށް ހުތުބާގައި ހާމަކޮށްދީފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ، އާޝޫރާ ދުވަހު ރޯފަ ހިފާ މީހާ އޭގެ ކުރީ ދުވަހު، (އެބަހީ: ނުވަވަނަ ދުވަހު) ނުވަތަ އެ ދުވަހާ ޖެހިގެން އަންނަ ދުވަހު (އެބަހީ: އެގާރަވަނަ ދުވަހު) ރޯދަ ހިފުމަކީ ސުންނަތް ވެގެންވާ ކަމެއް ކަމަށެވެ. އަދި އާޝޫރާވިލޭރޭގައި "އާޝޫރާ"ދުއާގެ ނަމުގައި ވަކި ދުއާއެއް ކުރުމާއި އެރެއާއި އެދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުއުކުރައްވާފައި ނުވާކަމަށާއި މިއީ ދީނުގައި ނެތް ބިދުއަ ތަކެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ޢާޝުރާ ދުވަހުގެ ހާއްސަކަމާ ބެހޭ ގޮތުން ބުނީ ފިރުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވާ، ފިއުޢައުނާއި އޭނާގެ ލަޝްކަރު އަރަގު ކުރެއްވި ދުވަހަކީވެސް މި އާޝޫރާ ދުވަސްކަމުގައެވެ.