މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ދަށުން ހިންގާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަހަރުގެ މިހާތަނަށް 1.34 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓަރީއިން ހާމަކުރާ ގޮތުގަައި އެސްޑީއެފްސީ އިން ވަނީ 2023 ވަނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް 1423 ފަރާތަކަށް 1.7 ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައެވެ. އަދި 1272 ފަރާތަކަށް 1.34 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު ކޮވިޑް-19 ގެ ޙާލަތުގެ ސަބަބުން ވިޔަފާރިތަކަށް ދިމާވި މާލީ ދަތިތައް ހައްލުކުރުމަށް "ކޮވިޑް-19 ވިޔަފާރި އެހީ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ސްޓިމިއުލަސް ޕެކޭޖްގެ ދަށުން 2146 ފަރާތަށް 373 މިލިއަން ރުފިޔާގެ ލޯނު ވެސް އެސްޑީއެފްސީ އިން އެޕްރޫވްކޮށްފައިވާ ކަމަށް އިކޮނޮމިކްމިނިސްޓްރީއިން މީޑިޔާއަށް ދިންމައުލޫމާތުގައި ހާމަކޮށްފައިވެއެވެ.

އެސްޑީއެފްސީ އިން މިހާތަނަށް އެންމެ ގިނައިން ދޫކޮށްފައިވަނީ 500،000 އާއި 1 މިލިއަން ރުފިޔާއާއި ދެމެދުގެ ލޯނެވެ.

އެސްޑީއެފްސީއިން މައިގަނޑު ގޮތެއްގައި ލޯނު ދޫކުރަނީ އިޤްތިޞާދީ އަށް ދާއިރާތަކަށެވެ. މީގެ ތެރޭގައި ލޯކަލް ޓުއަރިޒަމް، ދަނޑުވެރިކަން، މަސްވެރިކަން، އުފެއްދުންތެރިކަން، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އިސްކަންދީގެން ޚާއްޞަ ފުރުސަތުތަކެއް އެސްޑީއެފްސީއިން ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ކޮމާރސް، ދަތުރުފަތުރު އަދި ޢިމާރާތްކުރުމުގެ ސިނާޢަތުގެ ވިޔަފާރި ތަކަށްވެސް އެސްޑީއެފްސީ އިން މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. މިގޮތުން އަލަށް ވިޔަފާރި ފެށުމަށާއި ވިޔަފާރި ތަރައްޤީ ކުރުމަށް، ވިޔަފާރި ހިންގުމަށް ބޭނުން މުދަލާއި މެޝިނަރީ ގަތުމަށް އަދި ދުވަހުން ދުވަހަށް ބޭނުންވާ ޚަރަދުތައް ކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު އެސްޑީއެފްސީ އިން ވަނީ ހުޅުވާލެވިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ އެސްޑީއެފްސީއިން މިވިޔަފާރިތަކަށް ލޯނު ދިނުމުގެ އިތުރަށް މާރކެޓްގައި ހުރި ފުރުސަތުގެ މަޢުލޫމާތު ފޯރުކޮށްދީ، މިފަރާތްތަކުގެ ފައިނޭންޝިއަލް ލިޓެރަސީ އިތުރުކުރުމަށް މަސައްކަތްކޮށް، އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތުތައް ތަނަވަސްކޮށް ދިނުންވެސް ހިމެނެއެވެ.

ވިޔަފާރިތަކަށް ލޯނު ދިނުމުގެ އިތުރަށް މާކެޓްގައި ހުރި ފުރުސަތުގެ މައުލޫމާތު ފޯރުކޮށްދިނުމާއި އެ ވިޔަފާރިތަކުގެ ފައިނޭންޝިއަލް ލިޓްރަސީ އިތުރުކުރުމަށް މަސައްކަތްކޮށް، އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތުތައް ތަނަވަސްކޮށް ދިނުންވެސް އެ ކޯޕަރޭޝަން އުފެއްދި މަގުސަދުގެ ތެރޭގައި ހިމެނެއެވެ.