ކިތަންމެ ކުޑަގައުމަކަށްވިޔަސް، ގަބޫލު ކުރަންވީ ދުނިޔޭގެ އިހުތިރާމް ލބިފައިވާ ފަހުރުވެރި އެއްވަނަ ގައުމަކީ ރާއްޖެކަމަށާއި މިހާތަނަށް އެއްވެސް ވެެރިކަމެއްގައި ބޭރުުގައުމުތަކާ ގުޅުން ބަދަހިނުވާވަރަށް މިސަރުކާރުގައި ބޭރުގެގަައުމުތަކާ ގުޅުން ބަދަހިކުރެވިއްޖެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ މިނިވަން ދުވަހާ ގުޅިގެން މިރޭ އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން ރާއްޖެޓީވީއަށް ދެއްވި ކުރު އިންޓަވިއުއެއްގައެވެ. މިއިންޓަވިއުގައި ޝާހިދު ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 58އަހަރުވީއިރު މީގެ ކުރިން އެއްވެސް ވެރިކަމެއްގައި ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުން ބަދަހި ނުވާ ވަރަށް މިވެރިކަމުގައި އެގައުމުތަކާ ގުޅުން ބަދަހި ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖެއަށް މިނިވަންކަން ލިބުމާ އެކު އޭރުގެ ސަރުކާރުން، ބޮޑުވަޒީރު އިބްރާހިމް ނާސިރު ފުރަތަމަ ނިންމެވި ނިންމެވުމަކީ އދ.ގައި ބައިވެރިވުން ކަމަށްވެސް ޝާހިދުވިދާޅުވިއެވެ.

މިނިވަންކަން ލިބުނުތާ ދެ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އެޕްލިކޭޝަން އދ.އަށް ދިޔަކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ 21 ސެޕްޓެމްބަރުގައި އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅި ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔެއިން ވެސް ރާއްޖޭގެ މިނިވަންކަން ބަލައިގަތްކަމަށް ޝާހިދު ވިދާޅުވިއެވެ. ހަމައެހެންމެ އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރު ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ބަދަހިކުރެވިފައިވާ މިންވަރަށް ޝާހިދު ވަނީ އަލިއަޅުވާލައްވާފައެވެ.

ޝާހިދު ވިދާޅުވީ މިއަދު ދިވެހިރާއްޖެއަކީ 193 ގައުމުގެ ތެރެއިން 185 ގައުމާއެކު ހާރިޖީ ގުޅުން އުފައްދާފައިވާ ގައުމެއްކަމަށާއި ޕާސްޕޯޓުގައި ކުރިން ވިސާ ނެގުމަކާ ނުލައި 95 ގައުމަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ޕާސްޕޯޓަކީ ދިވެހި ޕާސްޕޯޓުކަންވެސް ޝާހިދުވަނީ ހާމަކުރައްވަފައެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަގްވާމީ މައިދާނުގައި ގަދަރުވެރި، އިހުތިރާމު ލިބިފައިވާ ގައުމެއް ކަމަށާއި ރާއްޖެެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައި ވިޔަސް، ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ރާއްޖެއަށް އިހުތިރާމް ކުރާ ކަމަށާއި އެކަން ބަލައިގަންނަން ޖެހޭ ކަމުގައެވެ. އަދި މިއަދު މި މިނިވަން ދުވަހު ތެދުވެ، ރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ދިދަ އުފުލާލަންވީ އަޅުގަނޑުމެންނަކީ ދުނިޔޭގެ އެންމެ ފަހުރުވެރި، އެއް ވަނަ ނަންބަރު ލިބިފައިވާ ގައުމެއްކަން ހިތުގެ އަޑިން ގަބޫލުކުރަމުންކަންވެސް ޝާހިދުވަނީ ފާހަކުރައްވާފައެވެ.