މާލެ ސަރަހައްދުން ހިމަބިހި(މީސްލްސް) ޖެހިފައިވާ ދިވެއްސަކު ފެނިފައިވާތީ، ބަލި އިތުރަށް ފެތުރަނަނުދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ސަލާމަތީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭ އިން ބުނީ، ބެލިބެލުމުން އެނގިފައިވަގޮތުގައި މިދިޔަ އަންގާރަ ދުވަހު މާލެ ސަރަހައްދުން ހިމަބިއްސަށް ޕޮޒިޓިވްވި މީހާއަށް ބަލި ޖެހިފައިވަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އަދި މިމީހާގެ ސިއްހީ ހާލަތު ހުރި ގޮތުން ފަރުދާދިނުމަށް ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކުރެވިފައި ކަމަށާއި، މިމީހާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަކަމަށްވެސް އެޗްޕީއޭއިން ހާމަކުރެއެވެ.

މިއީ މީސްލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ މީހެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެފައިވުމުން ބަލި ޖެހުމުގެ ފުރުސަތު 97 އިންސައްތަ ކުޑަކޮށްދޭނެއެވެ. އެހެނެއްކަމަކު މީސްލްސްއަކީ އެންމެ ހަލުވިކޮށް ފެތުރޭ އެއް ބަލިކަމަށްވުމާއެކު ބައެއް ފަރާތްތަކުން ބައްޔަށް ހުށަހެޅިއްޖެނަމަ، ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިމަބިހި ނުވަތަ މީސްލްސް މިއީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވުމާއެކު މިބަލި ޖެހިފައިވާ މީހަކު ފެނުމުން އަމަލުކުރަން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އަދި ބައެއް ކޮންޓެކްޓުންނަށް އެކަން އަންގައި އޭގެ ތެރެއިން ވެކްސިން ފުރިހަމަ ނުވާ މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ބަލި ޖެހިފައިވާ މީހާ، އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ މުއްދަތުގެ ތެރޭގައި ދަތުރުކޮށްފައިވާ ކަމަށެވެ. އަދި ދަތުރުމަތީގައާއި ގެއާއި ހޮސްޕިޓަލްގައި އޭނާއާ ކޮންޓެކްޓްވި މީހުންގެ މައުލޫމާތު އެޗްޕީއޭ އިން ދަނީ އެއްކުރަމުން ކަމަށްވެސް އެ އެޖެންސީއިން ވަނީ ބުނެފައެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި

  • ހުން އައުން
  • ހަމުގައި ރަތް ބިހިތަކެއް ނެގުން
  • ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން
  • ލޯ ރަތްވުން

މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެފަރާތަކުން ލަސްނުކޮށް ވީއެންމެ އަވަހަށް އެންމެ ކައިރީގައި ހުރި ސިއްހީ ފަރުވާދޭ ތަނަކަށް ދިއުމަށް ނުވަތަ އެންމެ އަވަހަށް ލިބެން ހުރި ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.