މިނިސްޓްރީއޮފް ޔޫތު އެންޑް ސްޕޯޓްސް އިން ކުރި އިއުލާނަކާ ގުޅިގެން ޖަމިއްޔާތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އެކަންކަން ބައްލަވައި، ރަނގަޅު ކުރުމަށް، އެދިވަޑައިގެންފައިވާ ކަމަށް ޔޫތުމިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވި ގޮތަށް ޖަމިއްޔާތައް އުވާލުމަށް ކުރި އިއުލާން ބާތިލު ކުރާކަމަށް ޔޫތު މިނިސްޓަރީއިން މިހާރު ވަނީ އިއުލާންކޮށްފައެވެ.
ޖަމިއްޔާތައް އުވާލުމަށް 25 ޖުލައި 2023 ގައި ގެޒެޓްކުރި އިއުލާނަކާ ގުޅިގެން އެކިއެކި ޖަމިއްޔާ ތަކުން ކަންބޮޑުވުން ފާޅުކުރަން ފަށާފައިވާ ދަނޑިވަޅުގައި މިހާރު މިވަނީ އެއިއުލާން ބާތިލުކޮށްފައެވެ.
ޖަމުޢިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން އެނގިވަޑައިގެންނެވީ ނޫސްތަކުންކަމަށް ޔޫތު މިނިސްޓަރ މަހުލޫފު ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. އޭގެތެރޭގައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭ ކަމަށާއި އަދި ހަރަކާތްތެރިކޮށްފެންނަ ބައެއް ޖަމުޢިއްޔާތައްވެސް އެބަހިމެނޭ ކަމަށް ހުދު މިނިސްޓަރ މަހުލޫފު އެޓުވީޓުގައި އިއުތިރާފްވެވަޑައިގެންފައި ވުމާއެކު އެކަން ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވިއެވެ.
"މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންވަނީ އަޅުގަނޑަށް ލިބިފަ. މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފަ،" މަހުލޫފު ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ އެކިއެކި ޖަމްއިއްޔާތައް ހިންގާނީ ޔޫތު މިނިސްޓްރީގެ ބެލެހެއްޓުމުގެ ދަށުންނެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ޔޫތުމިނިސްޓަރީއަކީ ޖަމިއްޔާތަކުގެ ބެލެނިވެރިފަރާތެވެ.
ދާދި އިހަށް ދުވަހު، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން 25 ޖުލައި 2023 ގައި ގެޒެޓްކުރި އިއުލާނު ނަންބަރ (IUL)141-NGO/141/2023/320(މިއަދު 27 ޖުލައި 2023ގެ 22:37ގައި މި އިއުލާނު ބާތިލު ކުރާ ކަމަށް ގެޒެޓްކޮށްފައިވާ) ގައި 1989 ޖަމްޢިއްޔާއަކީ، 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި / ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ, އުވާލުމަށްޓަކައި ލިސްޓް ކުރެވިފައިވާ ޖަމްޢިއްޔާތަކެއް ކަމަށް ވަނީ ބުނެފައެވެ. އުވާލާ ލިސްޓަށް ލައިފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެ ޖަމިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި އެ ޖަމިއްޔާގެ މެންބަރަކަށް / މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އަދި އެބައޮތްކަމަށާއި ފުރުސަތު އޮތީ 24 ސެޕްޓެމްބަރުގެ ނިޔަލަށެވެ. އެ ތާރީހަށް ލިޔުމުން ހުށަނާޅާ ޖަމިއްޔާތައް ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށް ވެސް މިއިއުލާނުގައި ވަނީ ބުނެފައެވެ.)
މިއިއުލާނުގެ ސަބަބުން ޖަމިއްޔާތަކުގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދި ކަންބޮޑުވުންތައް ފާޅުކުރަން ފަށާފައެވެ. ކަންބޮޑުވުންތައް ފާޅުކުރަން ޖެހުނީ ބައެއް ޖަމިއްޔާތަކުން ބުނާގޮތުގައި މިއިއުލާނުގައި ބުނެފައި އެވާ 1989 ޖަމިއްޔާތަކުގެ ތެރޭގައި ޝަރުތު ހަމަވާ އިއުލާނުގައި ބުނެފައި އެވާފަދަ މައްސަލައެއް ދިމާނުވާ ޖަމިއްޔާތައްވެސް ހިމެނިފައިވުމެވެ. އަނެއްބައި ޖަމިއްޔާތަކުން ބުނި ގޮތުގައި މީގެ ތިން ހަތަރު މަސް ކުރީން ލިޔެކިޔުންތައް ފޮނުވާފައި ވުމާއި އަދި އެކި ގޮތްގޮތުން ރަޖިސްޓްރާއާ މުއާމަލާތް ކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވެފައިނުވުމެވެ.
މިކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ޔޫތުމިނިސްޓާރ "މިކަންކަން ބަލައި ރަނގަޅުކުރުމަށް ރިކްއެސްޓް ކުރައްވާފައިވާކަމަށް،" ވިދާޅުވެފައިވާ ގޮތަށް ކަންތައް ކުރައްވާފައިވާ ކަމުގެ ނަތީޖާ އެއްގެ ގޮތުން މިރޭ 10:30 ވީއިރު އެއިއުލާން ބާތިލު ކުރުމަށް ވަނީ ގެޒެޓްކޮށްފައެވެ. ޔޫތުމިނިސްޓްރީގެ އިއުލާން ނަންބަރ (IUL)141-NGO/141/2023/322 ގައި ބުނެފައިވަނީ "IUL)141-NGO/141/2023/320) (25 ޖުލައި 2023) އިޢުލާނާ ގުޅިގެން، އިދާރީ ގޮތުން ބަލަންހުރި ކަންކަން އަދި ހުރުމުގެ ސަބަބުން މަތީގައި ދެންނެވިފައިވާ އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަ" ދަންނަވާ ކަމަށެވެ.
އެކި ޕާރޓީ ލައިގެން ކޮލިޝަން ހެދީމާ ތިޔަހެންވެސް ވާނެއެވެ.