ހޯމް މިނިސްޓްރީއާއި އާބަންކޯއާ ގުޅިގެން ކުރިއަށްގެންދާ މިނިވަން އުފާ ކާނިވަލަށްދާ މީހުންގެ ތެރެއިން ގުރުއަތުން ހޮވައިގެން ނަސީބުވެރި ފަރާތަކަށް ހަތްދުވަހުގެ ބާލީ ދަތުރެއް ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން ވަނީ ހުޅުވާލާފައެވެ.

މިނިވަން އުފާ ކާނިވަލް ރޭގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހުޅުއްވާދެއްވާފައިވާއިރު، މި ހަރަކާތް ކުރިޔަށް ދާނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށެވެ.ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ހައަކަށް އަދި ރޭގަނޑު އަށަކުން ބާރަ އަށް ކާނިވަލް ހުޅުވާފައި ހުރެެއެވެ.

މިނިވަން އުފާ ކާނިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑްރޯން ހަރަކާތް ދައްކާލުން

ކާނިވަލްއަށް ޒިޔާރަތްކުރާ ފަރާތްތަކުން ބާލީ ދަތުރު ހޯދުމުގެ ނަސީބުވެރިއަކަށްވުމަށް، ކާނިވާގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށް ރެޖިސްޓާ ކޮށްލުމުން އޮޓޮމެޓިކުން ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ. ލަކީޑްރޯގެ ނަސީބުވެރި ފަރާތް ހޮވަން ހަމަޖެހިފައިވަނީ ކާނިވަލުގެ ފަހު ދުވަސް ކަމަށްވާ 3 އޯގަސްޓް ވާ ބުރާސްފަތި ދުވަހުގައެވެ.

އުރީދޫން ދޭ ދެ މީހުންގެ ހަތް ދުވަހުގެ ބާލީ ދަތުރުގައި ފްލައިޓް ޓިކެޓާއި ހަތަރު ތަރީގެ އެކޮމޮޑޭޝަންގެ އިތުރުން ބާލީގެ މަޝްހޫރު ޓޫރިސްޓް 'ސްޕޮޓްތައް ބަލާލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އުބުދުގައި ދެ ރޭ، ނޫސާ ޕެނިޑާގައި ދެ ރޭ އަދި ދެ ރޭ ސެމިނިއާކްގައި ހުރެވޭއިރު، މި ތަންތަން ބަލާލުމަށް ގައިޑެއްގެ އެހީތެރިކަން ލިބިގެންދެއެވެ.

ރޭގައި ހުޅުވި މިނިވަން އުފާ ކާނިވަލްގައި ވަރަށް ގިނަ ވައްތަރުތަކުގެ ސްޓޯލްތައް ހުރިއިރު، ސްޓޭޖް ޝޯތައްވެސް ބާއްވާފައިވެއެވެ.