މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މޭޔަރު މުއިއްޒުއަށް ބިރު ދެއްކި މައްސަލަ ބަލައި، ފިޔަވަޅު އަަޅަން އިނދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ގޮވާލައިފިއެވެ.
މިއަދު އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑރ. މުއިއްޒުގެ އަނބިކަލުންގެ ފޯނަށް ކާކުކަން ނޭނގޭ، ރާއްޖެއިން ބޭރުގެ ނަމްބަރަކުން މެސެޖުކޮށް އެމަނިކުފާނަށް ހަމަލާދޭނެކަމަށް ބުނެ ބިރު ދައްކާ މަރުގެ އިންޒާރު ދީފައިވާކަމަށެވެ.
މީގެއިތުރުން އެ ބަޔާނުގައި އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ ނާތަހުޒީބު ދަށު ދަރަޖައިގެ ފިނޑި އަމަލުތަކުން އެ ކޯލިޝަނުގެ ލީޑާޝިޕްގައި ބައިބައި ކުރެވިދާނެކަމަށް ހީކުރުމަކީ އެކަން ކުރާ ބަޔަކަށް ކުރެވޭ ކުށްހީއެއްކަމަށްވެސް ބުނެފައިވެއެވެ.
އަދި އެ ކޯލިޝަންގެ ލީޑާޝިޕްވެސް އަދި ސެނެޓްވެސް މަސައްކަތް ކުރާނީ އެފަދަ ބިރު ދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ލީޑަރު ޕީޕީއެމްގެ ރައީސް ރައީސް ޔާމީން އަބްދުލްޤަޔޫމްއަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކުން އެމަނިކުފާނު މިންޖުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށް ދިނުމުގައި އެކަތިގަނޑެއްގެ ގޮތުގައިކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކޯލިޝަނުންވަނީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ފޯނަށް އިންޒާރުދީ މެސެޖުކުރި ފަރާތެއް ހޯދައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ގޮވައިލައިފައެވެ