ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ހޮންގ ކޮންގއާއި ޝިންޖިއާން ގައި ގެންގުޅޭ އިންސާނީ ހައްގުތަކުގެ ހަމަތަކާ ގުޅިގެން ޔޫރަޕްގެ ޖަމާއަތުން ފާޑުކިޔައިފިއެވެ. އަދި ޗައިނާއިން ބޭރުގެ ވިޔަފާރިތަކަށް އިންސާފުވެރި އުސޫލުތަކެއް ގެންގުޅުމަށްވެސް ވަނީ ގޮވާލާފައެވެ.

އދގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަމުން ޔޫރަޕްގެ ޖަމާއަތުގެ ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް ވަނީ ޔޫރަޕްގެ ޖަމާއަތުން އެމެރިކާއާއެކު ބާއްވާ ގާތް ގުޅުން އެގޮތުގައި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އޭނާ ވިދާޅުވީ އެމެރިކާއާއި ޔޫރަޕްގެ ޖަމާއތުން އެއް އުސޫލުތަކެއް ގެންގުޅޭ ކަމަށާއި އަދި ތާރީޚީ ގޮތުން ދެ ފަރާތުން ވެސް އެއް ކަންތައްތަކެއް ހިއްސާ ކުރާ ކަމުގައެވެ.

ކިޔާލަން: ޗައިނާއަށް ވަފްދެއް ފޮނުވަން ޔޫރަޕުން ނިންމައި

މިމަހުގެ ކުރީކޮޅު ޗައިނާ ރައީސާއެކު ވީޑިއޯ ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގަތް މިޝޭލް ވަނީ ޗައިނާގެ އިގްތިސާދީ މޮޑެލަށްވެސް ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އިންސާނީ ހައްގުތައް ނެގެހެއްޓުމަށް ޔޫރަޕުން ކުރަމުންދާ މަސައްކަތް ހުއްޓައެއް ނުލާނެ ކަމުގައެވެ. އަދި ހޮންގ ކޮންގއާއި އުއިގޫރު މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭނާ ފާހަގަ ކުރެއްވިގޮތުގައި ޗައިނާއަކީ ދުނިޔެއަށް ދިމާވަމުންދާ ގޮންޖެހުންތަކުގައި މަޝްވަރާ ކުރުމަށް މުހިންމު ބައިވެރިއެއް ކަމުގައެވެ. އަދި ދުނިޔެ ހޫނުވުމާއި ކޮވިޑް19އާއި އެފްރިކާގެ ދަރަނީގެ މައްސަލާގައި ޗައިނާއާއެކު މަޝްވަރާ ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ޗައިނާއަކީ ޔޫރަޕްގެ ވިޔަފާރީގެ ބައިވެރިއެއްކަމުގައި ވެސް ވިދާޅުވިއެވެ.

އދގައި ވާހަކަ ދައްކަވަމުން ފަރަންސޭސި ރައީސްވެސް ގޮވާލައްވަފައިވަނީ ޝިންޖިއާންއަށް އދން ތަހްގީގު ވަފްދެއް ފޮނުވުމަށެވެ. ޗައިނާއިން އިންސާނީ ހައްގުތަކުގައި ކަންކުރާ ގޮތާ ބެހޭ ގޮތް އޭނާ ސިފަކުރެއްވީ ނާތަހުޒީބު އަމަލުތަކެއްގެ ގޮތުގައެވެ.