މާލޭގައި ފެތުރެން ފެށި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ އަދިވެސް ކޮންޓްރޯލް ނުވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ ނޯރޯ ވައިރަހުގެ ސަބަބުން ފެތުރޭ މި ރޯގާ އަދިވެސް ފެތުރެމުން ދާ ކަމަށާއި ސަމާލު ނުވެއްޖެނަމަ އިތުރަށް ރޯގާ ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން ރޯގާ އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ވޭތުވެދިޔަ ދިހަބާރަ ވަރަކަށް ދުވަސްތެރޭގައި މާލެތެރޭގައި ފެތުރެމުން ދިޔަ ނަމަވެސް މިބަލި ބޮޑަށް ފެތުރި އެތައް ބަޔަކު އެއްފަހަރާ ހާލުދެރަވެ އެނދުމަތި ކުރަން ޖެހުނީ މިނިވަންދުވަހުގެ މުނާސަބާގައި ބޭއްވި ފުޅަނދުބުރު ބަލަން ގިނަ މީހުން މާލެތެރެއަށް ނުކުމެ އެއްތަންވެ އުޅުނުރޭގައެވެ. އެރެއާއި އޭގެ ފަހު ދުވަހު މާލޭގެ ބޮޑު ދެހޮސްޕިޓަލްކަމަށްވާ އޭޑީކޭއާއި އައިޖީއެމްއެޗްގެ އިމަރޖެންސީރޫމްގެ އެނދުތައް ފުރި ހޮސްޕިޓާތައް އޮތީ ބަލިމީހުންގިނަވެ ތޮއްޖެހިފައެވެ. މިއީ ފަސޭހައިން ފެތުރޭ ބައްޔަކަށް ވުމުން އަދި ގިނަމީހުން އެއްވެ އުޅޭތަންތަނުން ފަސޭހަކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ އެޗްޕީއޭއިން ވަނީ ސާފުތާހިރުވެ ތިބުމަށާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ކިރިޔާވެސް ބަލީގެ އަލާމާތެއް ހުރިނަމަ ނުދިއުމަށްވެސް އިލްތިމާސްކޮށްފައެވެ.
އިއްޔެއާއި އޭގެ ކުރީދުވަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މިންވަރު ކޮންމެ ވެސް ވަރަކަށް ވަނީ ދަށްވެފައެވެ.
ނޯރޯ ވައިރަސް ޖެހުމުން މައިގަނޑު ގޮތެއްގައި ހޮޑުލާއި ބޭރަށް ހިންގުން ދިމާވެއެވެ. ގައިން ހަކަތަ ދަށްވުމާއި، ބޯ އެންބުރުމާއި، ގައިގަ ރިއްސުމާއި ބޮލުގަ ރިއްސުމުގެ އިތުރުން ބައެއް މީހުން މި ރޯގާގައި ހުން އައުން އާދެއެވެ. އަދި ބައެއް މީހުން ހުން ނައިކަމުގައި ވިޔަސް ގައިގެ ރިއްސުމާއި ބަލިކަށިކަން އިހުސާސްވުން ހިމެނެއެވެ،