އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ (ކެޕިޓޮލް ބިލްޑިންގް) ގައި މިހާރު ކުރަމުން ދަނީ ބަޣާވާތް ނޫން ދެވަނަ ދެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ވަދެގަނެ، ހަމަލާދީ އެމެރިކާގައި ހިންގަމުންދަ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އަމިއްލަ ތަޖުރިބާގެ އަލީގައި، ބަގާވާތުގެ ސިފަތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެމެރިކާގައި ހިނގަމުންދާ ކަންކަމަކީ މުޅި ދުނިޔޭގެ މިނިވަން ޑިމޮކްރަސީއަށާއި ޑިމޮކްރަޓިކް އަސާސްތަކަށް ލިބެމުންދާ ގެއްލުމެއް ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ސައްހަކަން ކަނޑައަޅަން ސެނެޓްގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ރިޔާސީ އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ތެރެއަށް ވަދެ، ކުޑަ ދޮރުތައް ތަޅާ، ޑެސްކަށް ގެއްލުން ދީފަ އެވެ. އަދި އެ މީހުންނާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އެކަކު ވަނީ މަރުވެފަ އެވެ.

ދިވެހިރާއްޖޭގައި ޑިމޮކްރަޓިކް އުސޫލުން ކުރިއަށް ގެންދިޔަ ފުރަތަމަ އިންތިހާބު ކާމިޔާބު ކުރައްވާ، 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވެޑައިގެންނެވި ނަޝީދު، 2012 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވީ، ބަގާވާތެއްގެ ސަބަބުން ކަމަށް ވެރިކަން ކުރާ އިއްތިހާދުގެ މައި ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އަދިވެސް ދަނީ ވަކާލާތު ކުރަމުންނެވެ.