މިއަދު މާލޭގެ އެކި ހިސާބުތަކަށް އުދަ އަރާ ގެއްލުން ލިބުނު ސައިކަލުތަކަށް ލިޓަސް ސާވިސް ސެންޓަރުން ހިލޭ ސާވިސްކޮށް ދިނުމަށް ނިންމައިފިއެވެ.
އެސެންޓަރުގެ ފޭސްބުކް އޮފިޝަލް ޕޭޖުގައި ހާމަކޮށްފައިވާ ގޮތުގައި އުދަ އަރާ ގެއްލުން ލިބުނު ސައިކަލުތަކަށް އެސެންޓަރުން ހިލޭ ސާވިސް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި ލިބުނު ގެއްލުމުގައި ސައިކަލުގެ ޕާޓެއް ކޮންމެހެން ބަދަލު ކުރަން ޖެހޭނަމަ އަދި މިކޮޅުން ލިބެން ހުރި ޕާޓެއް ކަމުގައި ވާނަމަ ހިލޭ ބަދަލު ކޮށްދޭނެ ވާހަކަވެސް އެ ޕޭޖުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ހަލި ނޫހުން ކޮށްލި ސުވާލަށް ޖަވާބު ދެމުން ލިޓަސް އޮޓޯމޮބައިލްސް އިން ބުނީ އުދަ އެރުމުގެ ތެރޭގައި އުދައިގެ ސަބަބުން އެއްވެސް ގެއްލުމެއްވެފައިވާ ސައިކަލެއް ނަމަ އެސައިކަލެއްގެ ވެރި ފަރާތުން ލިޓަސް އަށް ހާޒިރުވެ ނަން ނޯޓު ކުރުމަށެވެ. އޭރުން ލިޓަސް އިން އެކަމާ ގުޅޭ މައުލޫމާތު އޮޅުން ފިލުވުމަށްފަހު އެފަދަ ސައިކަލަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މާލެ އިރުމަތީ ފަރަތަށް ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުމުގައި މިދުވަސްވަރު އުދައެރުމަކީ އަބަދުވެެސް ދިމާވާ ކަމެކެވެ. އެހެންނަމަވެސް މިއަދު މެންދުރުން ފެށިގެން މާލޭ އިރުމަތީ ފަރާތު ރާޅުގަނޑު އުދަ އަރައި މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އުދައިގެ ރާޅާއެކު ގަލާއި ވެލި ވެސް ވަރަށް ބޮޑަށް އެއްގަމަށް ވަނީ އަރާފައެވެ.