ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ)ގެ އުންމީދީ އަދި އެހާމެ ހިންމަތާއި މިންނެތް މަސައްކަތުގެ ފޮނިނަތީޖާތައް، މާލެސިޓީގެ އެންމެ މުހިންމު އަދި އެންމެ ހާއްސަ އެއްމަގު ކަމަށްވާ އަމީނީމަގުން އެފެންނަނީ ވަރަށްވެސް ފުރިހަމައަށެވެ. މިއީ ތަނެއްގެ ފާރެއް ރޭނުން ފަދަ ކަމެއް ނޫނެވެ. އަދި ގެއެއްގައި ތަޅުން އެޅުން ނުވަތަ ތަޅުމުގައި ތަށިމުށިޖެހުން ފަދަ މަސައްކަތެއް ނޫންމެވެ. މިއީ ބުރަ އަދި ވިސްނުމާއި ފިކުރު ހުސްކޮށްގެން، ސަމާލުކަމާއެކު ފަރުވާވެ ކުރަން ޖެހޭ މަސައްކަތެކެވެ. ތަފާތު އެތައް ގޮންޖެހުންތަކާއެކު ދިމާވާ އެކިހޫނު ބަސްތަކުގެ ހަމަލަތަކަށް ކެތްތެރިވެ އާރްޑީސީން މިވަނީ އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައެވެ.
އާރްޑީސީން ބުނީ އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި ތާރު އެޅުމުގެ މަސައްކަތް ފެށްޓީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑުގައެވެ. އަދި އެމަސައްކަތް ވަނީ އަނެއްދުވަހުގެ ރޭ ވީއިރު ނިންމާލާފައެވެ. މިއީ 12 ސެޕްޓެމްބަރ 2022ގައި ފެށުނު "ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމުގެ" އަމަލީމަސައްކަތް ފެށުނު ދުވަހުން ފެށިގެން އެތައް ދައްޗަކާއެކުވެސް އާރްޑީސީން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ހާމަކޮށްދޭ ކަމެކެވެ.
އާރްޑީސީއިން ދަނީ ހިތްވަރާއެކު މިހާރު ނިމިފައިވާ ހިސާބު މިއަހަރުގެ ދިރާސީ އައުއަހަރުގެ ކިޔެވުން ފެށެން ވާއިރަށް ހުޅުވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ތާރުއަޅާފައިވާ އަމީނީމަގު މުޅިން އެކީ ނިމިގެން ހުޅުވޭނޭ އިރެއްގެ އިންތިޒާރުގައި ތިބި ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުގެ ޝުއޫރުތައްވެސް "ހަލި"ނޫހުން އޮޅުންފިލުވިއެވެ.
"މީ ވަރަށް މުހިންމު މަގެއް، މިމަގު ހުޅުވޭތޯ ވަރަށް އިންތިޒާރު ކުރެވޭ، ވަރަށް އުފާވޭ މިގޮތަށް މާލެ ރީތިކުރާތީ،" މެދުއުމުރުގެ އަންހެނަކު ހިޔާލު ފާޅުކުރިއެވެ.
"ބައެއްފަހަރު ވަރަށް ރުޅިވެސް އާދޭ، އެކަމަކު މިމަގު ރީތިކޮށް އޮމާންވީމަ ދުއްވަަން ވަަރަށް ހިތްހަމަޖެހޭނެ، އެހެންވެ އުފާވޭ،" ސްޕޯޓްސް ކާރެއްގެ ޒުވާން ޑްރައިވަރަކު ބުންޏެވެ.
"އެންމެ އުފާވަނީ ސައިކުގައި ކުދިން ގެންދާއިރު ވަޅުގަނޑުގަނޑަށް ނުޖަހާނެތީ، އެގޮތަށް މަގުތައް އޮންނާތީ ވަރަށް އުނދަގޫ. ކުދިން ބައެއްފަހަރު ބިރުން ރޯނެ،" ޒުވާން އަންހެނަކު ބުންޏެވެ.
ކޮންމެއަކަސް އަމީނީމަގަކީ ރައްޔިތުންގެ އެތައް އުންމީދަކާ ގުޅިފައިވާ މަގެކެވެ. މިމަގު ތަރައްގީވެ ހުޅުވޭނެ ދުވަހަކަށް އެެންމެންވެސް އެތިބެނީ ކެތްތެރިކަންކުޑަ އިންތިޒާރެއްގައެވެ.
އަމީނީމަގު ހަދާނީ އެންމެ ޒަމާނީ ފެންވަރުގައި ކަމަށް އާރްޑީސީއިންވަނީ ހާމަކޮށްފައެވެ. އެގޮތުން، އެ މަގުގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކާއި ކޮށްފައިވާ ޕްލޭންތަކުގެ ތެރޭގައި 1.79 ކިލޯމީޓަރުގެ ތާރު އަޅާނެބަސް ހުއްޓިތަކާއި ޕާކިން ޒޯނުތައް ހެދުމާއި މަގުބައްތި ހަރުކުރުމާއި، ގަސް އިންދައިގެން ފެހިކުރުމަށް 'ޓްރީ ޕިޓް' ބެހެއްޓުން ހިމެނެއެވެ. އަދިހަމައެހެންމެ އާރްޑީސީން ހާމަކޮށްފައިވާ ގޮތުގައި ކޭބަލް އެޅުމަށްޓަކައި މަގުގެ ދެ ފަޅީގައި ކޭބަލް ޓްރޭ ހަދާނެ އެވެ. މިއާއެކު އެޗްވީ ކޭބަލަށް ހާއްސަކޮށްގެން ޖަންކްޝަންތަކެއް ބަހައްޓާނެ ކަމަށާއި ވީލްޗެއާ އެކްސެސް ގާއިމް ކުރާނެ ކަމަށްވެސް އެކޯޕަރޭޝަނުން ހާމަކުރެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ދުވާރުގައި ބްރެއިލް ބްލޮކްސް ޖެހުމާއި ސައިން ބޯޑުތަކާއި ބަމްޕަރުތައް ގާއިމުކުރުމާއި އަދި ފެން ހިންދާ ނިޒާމެއް ގާއިމް ކުރާނެކަމަށްވެސް އެކޯޕަރޭޝަނުން ބުނެފައިވެއެވެ.
ނުހަނު ހިތްވަރާއެކު ކުރިއަށްދާ މިމަސައްކަތަށް އިތުރު ދައްޗަކަށް ވެގެންދިޔަ ގަވާއިދާ ހިލާފަށް އަމީނީމަގުގައި ޕާކު ކުރުމުގެ މައްސަލައަށް ހައްލު ނުގެނެވި އެންމެ ފަހުން އެކަމަށް ޖެހުނީ އަމަލީ ފިޔަވަޅު އަޅައި، އެ މަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފުލުހުން ފެށީ މަހުގެ ކުރީކޮޅުގައެވެ. ކޮންމެ އަކަސް އަމީނީމަގުގެ ހިތްގައިމު ކަމާއި ޗާލޫކަމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު ފަހުރަކަށް ވެގެންދާއިރު މިއީ އާރްޑީސީގެ އެންމެބޮޑު އެއްޕްރޮޖެކްޓްކަން ޔަގީނެވެ.
2022 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ދެމެދު ސޮއިކުރެވިފައިވާ މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްގީކުރުމުގެ އެއްބަސްވުމުގެ ދަށުން ކުރެވެމުންދާ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބަށް ބަލާލާއިރު އާރްޑީސީން ހާމަކުރާ ގޮތުގައި ދިރާސީ އައު އަހަރު ފެށުމުގެ ކުރިން މިހާރު ތާރު އަޅާފައިވާ ބައި އާންމުންނަށް ހުޅުވާލުމަށް އެކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.