ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މާލޭ މޭޔަރު، ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ތައްޔާރުވާން ފަށައިފިއެވެ.

މާދަމާ އެމަނިކުފާނު އީސީއަށް ފޯމު ހުށަހަޅަން ތައްޔާރީތައް ވަމުން އަންނައިރު، ސުޕްރީމް ކޯޓުން މިއަދު ވަނީ އިދިކޮޅު ލީޑަރު، ރައީސް ޔާމީންއާއި ދެކޮޅަށް ކެންޑިޑެސީގެ މައްސަލަ ނިންމައިފައެވެ.

އެ ކޯޓުގެ ޙުކުމާއެކު ރައީސް ޔާމީން އެދިވަޑައިގަތީ، މި އަހަރުގެ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ. ނަމަވެސް އެޕާޓީގެ ސެނެޓުން ފާސް ކޮށްފައިވަނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. ސެނެޓްގައި ނެގުނު ވޯޓުގައި އިންތިޚާބު ބޮއިކޮޓް ކުރުމަށް ވޯޓުދެއްވީ، 46 މެމްބަރުން، އިންތިޚާބުގައި ބައިވެރިވުމަށް ވޯޓު ދެއްވީ، 67 މެމްބަރުންނެވެ.

އެހެންނަމަވެސް ރިޔާސީ އިންތިޚާބު ބޮއިކޮޓް ނުކުރަން އެޕާޓިގެ ސެނެޓުން ނިންމި ނިންމުން ގަބޫލުނުކުރައްވާ ކަމަށް ރައީސް ޔާމީން ވަނީ ދެންމެހެން އަންގަވައިފައެވެ.

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓުކަމަށް ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފއެވެ.