މިނިވަން ނޫހުގެ ނޫސްވެރިޔާ، (މާފަންނު ޝައިނިންގސްޓާރ) އަހުމަދު އަބްދުﷲ ރިޟްވާން ވަގަށް ނަގައި، ގެއްލުވާލި ހާދިސާއަށް މިއަދު ނުވަ އަހަރު ފުރޭ އިރު، އަދިވެސް ރިޟްވާނަށް އިންސާފު ލިބިފައިނުވުމާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އޭގެ ތެރެއިން އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް(އޭޑީއެމް)އިން ވަނީ ބަޔާނެއްވެސް ނެރެފިއެވެ.
ރިޟްވާނުގެ އިތުރުން އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސްސާލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް، ދައުވާ ކުރަން ފޮނުވައި ކޯޓަށް މައްސަލަ ހުށަހެޅި ފުރަތަމަ މައްސަލަ އަކީ ޔާމީނާއި ރިލްވާންގެ މަރުގެ މައްސަލައެވެ. އެހެންނަމަވެސް ދައުރު ހަމަވާން ދާއިރު، ރައީސް ސާލިހުގެ 2018ގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއްވައުދަކީ ރިޟްވާނަށް އިންސާފު ހޯދައިދިނުން ކަމަށްވިޔަސް އެ ވައުދު އަދިވެސް އޮތީ ފުރިހަމަ ނުކުރެއްވިއެވެ.
އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް) އިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ރިޟްވާން ވަގަށް ނަގައި ގަދަކަމުން ގެއްލުވާލަން ރާވައި އެކަން ހިންގުމުގެ ފަހަތުގައި ތިބި ބަޔަކު ހޯދިފައެއް ނުވާކަމަށާއި އެ މައްސަލައިގެ ތަހުގީގަށް ބުރޫއަރާ ފަދަ އެކި އަމަލުތަކުގައި އެކި ގޮތް ގޮތުން ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރި މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ހާމަކުރައްވައި އެބަޔާނުގައި ބުނެފައިވަނީ ރިލްވާން ވަގަށް ނެގުމަށް ފަހު މިއަދާ ހަމައަށް ވެސް އޭނާއަށް ވީ ގޮތެއް ކަށަވަރު ކުރެވިފައެއް ނުވާކަމަށާއި އެ ކަމުގައި ހަރަކާތްތެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެެނެވިފައެއް ނުވާކަމަށެވެ.
ރައީސް ސާލިހު 2018ގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ރިޟްވާނަށް އިންސާފު ހޯދައިދިނުމަށް ވެވަޑައިގެންނެވި ވައުދުކަން ފާހަގަކޮށް، އޭޑީއެމްގެ ބަޔާނުގައި ބުނެފައިވަނީ "ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރާއި ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި އިރާ ތަފާތެއް ނެތުމަކީ" އިންތިހާއަށް ކަންބޮޑުވެ، ނުރުހުން ފާޅުކުރާ ކަމެއް ކަމުގައެވެ.
"ރިޔާސީ އިންތިހާބު ގާތް ވެފައިވާ މި ދަނޑިވަޅުގައި، ދެން އަންނަ ސަރުކާރަކުން މިހާރަށް ވުރެ ރަނގަޅަށް މި މައްސަލައިގެ ތަހުގީގު އަދި މަރުވެފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އާއިލާތަކަށް ދިނުމަކީ އެންމެހާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އަޅުގަނޑުމެން އެދޭ ކަމެއް،" އޭޑީއެމްގެ ބަޔާނުގައިވެ އެވެ.
އޭޑީއެމްގެ އިތުރުން ވެސް، ރިޟްވާންގެ ރަހުމަތްތެރިންނާއި ގާތްތިމާގެ މީހުންނާއި އާންމުން ވެސް އަންނަނީ މިއަދު ސޯޝަލް މީޑިއާގައި މިފަދަ ހިޔާލުތައް ފާޅުކުރަމުންނެވެ.
2014 ވަނައަހަރުގެ އޮގަސްޓް މަހު 8 ވަަނަ ދުވަހު ރިޟްވާނު ރަހީނުކޮށް، ގެއްލުވާލީ، ރިޟްވާނަށް އެކި ފަހަރު މަތިން ތަފާތު ގޮތްގޮތަށް އިންޒާރު ދިނުމަށް ފަހުގައެވެ. ރާއްޖޭގައި ފެތުރެމުންދިޔަ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފާޅުގައި އަޑުއުފުލަމުން ދަނިކޮށް ހަމަލާދީ، ރަހީނުކޮށް، ގެއްލުވާލި ނޫސްވެރިޔާ ރިޟްވާން މަރާލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ކުރިން އުފުލިދެ މީހެއްގެ މައްޗަށްވެސް ކުށް ސާބިތުނުވާ ކަމަށް 2018ގައި ވަނީ ހުކުމްކޮށްފައެވެ. 2018 އިގެ މިހުކުމް އިސްތިއުނާފު ކޮށްފައިނުވާއިރު ރިޟްވާން ކިޑްނެޕްކުރުމަށް ފަހު ރާއްޖޭގެ އަލް-ގައިދާ ގޮފިން ވަނީ ރިޟްވާން މަރާލާފައިކަމަށް މީގެ ކުރިން މަރު ކޮމިޝަން ވަނީ ބުނެފައެވެ.
މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ، ރިޟްވާން ގެއްލުވާލުމާއި ޔާމީން މަރާލުމުގެ މައްސަލައިގައި މިދިޔަ އަހަރުގެ 26 ޖޫންގައި ހައްޔަރުކޮށް، ސެޕްޓެމްބަރުގެ ފުރަތަމަދުވަހު ގައި ދައުވާ އުފުލި ތިން މީހުންނަކީ:
- އަހުމަދު އިސްމާއިލް (އަހަނދު)، މއ. ފާގަފިލާގެ/ 39 އަހަރު (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުން އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން)
- އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)، މ. ލެގޫންވިއު/ 30 އަހަރު (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ)
- އަހްމަދު މުއާޒު (ގަޓު މުއާ)، މާލޭ ދަފްތަރު އާރުއެސް 8499/ 40 އަހަރު (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން)
މި މައްސަލައިގައި ދައުވާ ލިބޭ އަހަނދު އާއި އިސޫ ވެސް ވަނީ ޝަރުތުތަކަކާ އެކު ފައިގައި ޓެގު އެޅުވުމަށް ފަހު ދޫކޮށްލާފައިވާތީ މި މައްސަލާގައި ބަންދުގައި މިހާރު ހުރީ ހަމަައެކަނި އަހްމަދު މުއާޒު (ގަޓު މުއާ)އެވެ.