އޮގަސްޓް 25، 2021 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާކަށް ހާއިރު، ހެންވޭރު ރޯޝަނީ ގޯޅީގައި ހުރި ހުސައިން ޝިމާއު އާދަމް ސައިކަލަށް އަރަން ދިޔަ ވަގުތު، ތޫނު އެއްޗަކުން އޭނައަށް ހަމަލާ ދިން މައްސަލައިގައި ހ. ސޯސަންފްލާވާ، އިސްމާއީލް އަރުޝަދު 10 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އަރުޝަދު ޝިމާއުގެ ކަރުގެ ވާތް ފަރާތަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ ހުސައިން ޝިމާއު އާދަމް ސައިކަލަށް އަރަން ދިޔަ ވަގުތުގައެވެ. މިއީ ނަޝްފާ އަހްމަދު ކިޔާ އަންހެނަކު އަރުޝަދަށް ދޭން ޖެހޭ ފައިސާ ޓްރާންސްފާ ކުރުން ލަސްވުމާ ގުޅިގެން އެމީހުންގެ މެދުގައި ހިނގި ދެބަސްވުމަކަށް ފަހު، ނަޝްފާ އާއި ޝިމާއު އެ ސަރަހައްދުން ދާން އުޅުމުންނެވެ. ދެބަސްވެފައި ވަނީ އެގޯޅިތެރޭގައި ތިބެގެންނެވެ.

ދައުލަތުން އަރުޝަދުގެ މައްޗަށް ކުރި ދައުވާއަށް އިންކާރު ކޮށްފައިވާތީ އެ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ވަނީ ހެކީގެ ގޮތުގައި ނަޝްފާ އާއި ޝިމާއުގެ ހެކި ބަހާއި، ވީޑިއޯ އާއި އިމޭޖް އެނަލައިސިސް ރިޕޯޓާއި، ސީން އޮފް ކްރައިމްގެ ރިޕޯޓާއި، އަނިޔާވި މީހާގެ މެޑިކަލް ރިޕޯޓް އަދި ޑީއެންއޭ ތަހުލީލު ރިޕޯޓާއި އިތުރު ކިތާބީ ހެކިތައް ވަނީ ހުށަހަޅާފައެވެ. އަދި އަރުޝަދުގެ ފަރާތުން ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ނުވާ ކަން ސާބިތު ކޮށް ދިނުމަށް ދެމީހެއްގެ ހެކިބަސް ހުށަހަޅާފައެވެ.

މި މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކަށް ނުރައްކާތެރި ހާނިއްކައެއް ކުރުމުގެ ކުށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާކަމަށެވެ.

މި މައްސަލައިގައި އަރުޝަދަށް ހުކުމް ކުރި އިރު، އޭނާ ބަންދުގައި ހޭދަކުރި ދުވަސްތައް އުނި ކުރުމަށް ފަހު އޭނާ ތަންފީޒު ކުރަން ޖެހޭނީ 8 އަހަރާއި 20 ދުވަހުގެ ޖަލު ހުކުމެކެވެ.