ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން އަހުމަދު ހާން ނިޔާޒީ ފަސްއަހަރު ވަންދެން ސިޔާސީ މައިދާނަށް ނުކުތުން މަނާކޮށްފިއެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ނެރުނު އަމުރެއްގައި ބުނެފައިވަނީ މިދިޔަ ހަފްތާ ބަންދުގައި ކޮރަޕްޝަންގެ މައްސަލައެއްގައި ހުކުމް އިއްވި އިމްރާން ހާންގެ މައްޗަށް ކުށް ސާބިތުވުމާ އެކު މަގާމަށް ޝަރުތުވެސް ހަމަ ނުވާކަމަށެވެ.

"އިމްރާން އަހުމަދު ހާން ނިޔާޒީ ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޑިސްކޮލިފައި ކޮށްފައި ވަނީ،" އެ ލިޔުމުގައިވެ އެވެ. ހާންގެ މަގާމު މިހާރު ހުސްވާނެ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

ޕާކިސްތާނުގެ ގާނޫނުގައިވާ ގޮތުން ކުށް ސާބިތުވެފައިވާ މީހަކަށް އީސީޕީން ކަނޑައަޅާ މުއްދަތަކަށް އެއްވެސް އާންމު މަގާމަކަށް ކުރިމަތި ނުލެވޭނެއެވެ.

މި މައްސަލައާ ގުޅިގެން އިމްރާން ހާން ވިދާޅުވީ މި ދައުވާ އަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ. އިމްރާންހާން ވިިދާޅުވީ މިހައްޔަރު ކުރުން އޭނާ ދެކެވަޑައިގަންނަވަނީ "ޑިމޮކްރަސީއަށް ދިން ހަމަލާއެއް"ގެ ގޮތުގައި ކަމަށެވެ. ނަމަވެސް ޕާކިސްތާނުން މިކަން ދޮގުކޮށްފައިވެއެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު މަރިޔަމް އޯރަންގްޒޭބް މިކަން އިއުލާނު ކުރުމުގެ ކުރިން ބީބީސީއަށް ވިދާޅުވީ ގާނޫނީ ގޮތުން ކުރާ އަމަލުތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި"މިއީ ސިޔާސީ ކަންކަމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. ކޯޓުން ކުށް ސާބިތުވި މީހަކު ހައްޔަރު ކުރަން ޖެހޭ."ކަމަށްވެސް މަރިޔަމް އޯރަންގޒޭބް ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ހާންގެ ގާނޫނީ ޓީމުން ވަނީ ކުށުގެ ހުކުމް ބާތިލް ކުރުމަށް އެދި އިސްތިއުނާފު ހުށަހަޅާފައި ކަމަށާއި އެ ހުކުމް އިސްލާމް އާބާދު ހައިކޯޓުން ބުދަ ދުވަހު ނިންމާނެ ކަމަށް އޭނާގެ ވަކީލު ނައީމް ޕަންޖޫތާ ވަނީ ވިދާޅުވެފައެވެ.