ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދު އަތޮޅު އުތުރުބުރީ ދެއްވަދޫ ސްކޫލުގެ އައު ޢިމާރާތާއި، ފެނަކަ އައު އޮފީސް ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މިތަންތަން ހުޅުއްވައި ދެއްވީ ހުވަދުއަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު އެރަށަށް ކުރެއްވި ދަތުރުގައެވެ.

މިއަދު ހުޅުއްވައިދެއްވި ސުލްޠާން މުޙައްމަދު ސްކޫލުގެ 2 ބުރީގެ އައު ޢިމާރާތަކީ، ދެ ކުލާސްރޫމާއި، ހެލްތް ރޫމަކާއި ލައިބްރަރީއެއް ހުންނަ ޢިމާރާތެކެވެ. އަދި މި މަސައްކަތަކީ ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މަސައްކަތެކެވެ.

އަދި މިއަދު ހުޅުއްވައިދިން ފެނަކަ އައު އޮފީސް ޢިމާރާތަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. ކުރިން ދެއްވަދޫގައި ހުރި އިންޖީނުގެއާ އޮފީސް ހުރީ، މީހުން ދިރިއުޅޭ ސަރަހައްދުގައި ނަމަވެސް އައު އިންޖީނުގެއާ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.

މީގެއިތުރުން ރައީސް ވަނީ އަމިއްލަ ފަރާތަކުން ފެނާއި ނަރުދަމާ އަދި އެނޫންވެސް ބޭނުންތަކަށް ބޭނުންވާ ހޮޅި އުފައްދާ ފެކްޓްރީއެއް ކަމަށްވާ އަޒްރޯވާ ޕައިޕް ފެކްޓަރީ ހުޅުއްވައިދެއްވާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގެމުންނެވެ.