މިހަފުތާގައި އަމީނީމަގު ސެގްމެންޓް 9 އަދި 10 ގައި ފެނާއި ނަރުދަމާ ހޮޅި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއިން (އާރްޑީސީ) ބުނެފިއެއެވެ.

މީގެ އިތުރުން އާރްޑީސީން ބުނީ އެކުންފުނިން މީހާރު މަސައްކަތް ކުރަމުންދަނީ ސެގްމެންޓް 9 ގައި ސްޓޯރމް ވޯޓަރ ނެޓްވޯކް އެޅުމުގެ މަސައްކަތާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން ސެގްމެންޓް 9 ގައި ދުވާރުގެ ޕޭވިންގ ގެ މަސައްކަތްވެސް އަންނަނީ ކުރަމުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި ތާރު އެޅުމުގެ މަސައްކަތް ނިންމާ، އާންމުންނަށް ހުޅުވާލައިފައިވަނީ މިމަހު ދެވަނަ ދުވަހުއެވެ. އަދި މަގުގައި ގަވާއިދާ ޚިލާފަށް ޕާކު ކުރަމުންދާތީ، އެ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފުލުހުން ވަނީ މި ހުސްވި މަހުގެ ކުރީކޮޅު ފަށާފައެވެ.

މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްޤީކުރުމުގެ އެއްބަސް ވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ދެމެދު އެއްބަސްވުމުގައި ސޮއި ކުރެވުނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.