އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުަހައްމަދު ސާލިހު ކެމްޕެއިން ދަތުރުފުޅަށް މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށުގައި ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ބޮޑު ތާއީދެއް އޮންނަ ވިލިނގިލީގައި ރައީސް ސާލިހު މިއަދު ހަވީރު ވިލިނގިއްޔަށް ވަޑައިގަތް ވަގުތާ ދިމާކޮށް ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ބަނދަރު މަތީގައި އިހްތިޖާޖް ކޮށްފަ އެވެ. ހަމަނުޖެހުން ހިނގީ އިދިކޮޅު ސަޕޯޓަރުންގެ ރައީސްް ސާލިހަށް ދެކޮޅަށް އަޑުއުފުލަމުން ދާތީ، އެމީހުން އެ ސަރަހައްދުން ދުރަށް ޖައްސަން އުޅުނު ވަގުތު ފުލުހުންނާއި ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގުމަށްފަހުގައެވެ. ފުލުހުން އެމީހުން ދުރަށް ޖައްސަން އުޅުނު ވަގުތު އެތަނުގައި ތިބި ބައެއް މީހުން ވަނީ ފުލުހުންނާ ދިމަލަށް ވެއްޔާއި ގައު ވެސް އުކާފަ އެވެ.

އެ ހަމަނުޖެހުމުގެ ތެރެއިން މިހާރު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ގދ. މަޑަވެލީގައި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާ ބާއްވަން އޮތް ތަނުގައި ބަޔަކު ހުޅުޖަހާފައިވެ އެވެ. އަދި އޭގެ ކުރިން ފުވައްމުލަކުގައިވެސް ބޮޑު ހަމަނުޖެހުމެއް ހިނގާފައިވެ އެވެ.

ވިލިނގިލިން ރައީސް ސާލިހުއާ ދެކޮޅަށް އަޑު އުފުލި ބަޔަކު ހައްޔަރު ކޮށްފައިވަނީ ކެމްޕޭނު ކުރުމަށް ފުރުސަތު އޮންނާނެ ކަމަށާއި ހާމަކަން ބޮޑު ގޮތެއްގައި ހިޔާލު ފާލު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށެވެ.

ކުޑަހުވަދޫން ވެސް މީހަކު ވަނީ ރައީސާ ދެކޮޅަށް އަމިއްލަ ގޭގައި ލަވަ ޖަހައިގެން ހައްޔަރު ކޮށްފައެވެ.

ރައީސް ސާލިހާއި ދެކޮޅަށް އިދިކޮޅުގެ ސަޕޯޓަރުން ދަމާ ބެނާތައް ފުލުހުން ނުކުމެ ނެގުމާއި އިދިކޮޅުގެ ސަފުތައް ވަރަށް ފަހަތަށް ޖައްސާ ހަދައެވެ. ގިނަ އަދަދަކަށް ފުލުހުންނާއި ސިފައިން އެ ރަށްރަށަށް އަރައި، ރަށުގެ ބޮޑު ސަރަހައްދެއް ބެލެހެއްޓުމުގެ ދަށަށް ގެނެސް ފޯރިމަރައެވެ.