މާދަމާއިން ފެށިގެން މާލޭގެ ގެތަކުން ކުނި ނަގާ ގަޑި ބަދަލުކުރަން ވެމްކޯއިން ނިންމައިފިއެވެ.

ވެމްކޯއިން ހާމަކުރި ގޮތުގައި ކުނި ނަގާ ގަޑިއަށް މިގެނައި ބަދަލާއެކު ގޭބިސީތަކުން އުކާލާ ކުނި ބޭރަށް ނެރެން ޖެހޭނީ ކޮންމެ ރެޔެއްގެ 10 އިން 12 އާ ދެމެދުއެވެ.

މާލޭގެ ގެތަކުން ކުނި ނަގާ ވަގުތަށް ވެމްކޯއިން ބަދަލު ގެންނަން ނިންމީ ސްކޫލްތައް ހުޅުވުމުން މާލޭގެ މަގުތަކުގެ ބާރުބޮޑުވާނެތީ ދުވާލުގެ ވަގުތުތަކުގައި ވެމްކޯގެ ވެހިކަލްތައް މަގުމަތީގައި ހަރަކާތްތެރިވުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކާ ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

މި ބަދަލު ގެނެސްފައިވަނީ ހަމައެކަނި މާލޭގެ ގެތަކަށް ކަމަށާއި، ހުޅުމާލެއާއި ވިލިމާލެއިން ކުނި އުކާލުމުގެ ޚިދުމަތް ދެމުންދާނީ މިހާރުވެސް ދެމުން އަންނަ އުސޫލުން ކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވިއެވެ. އެހެން ކަމުން ވިލިމާލެ އާއި ހުޅުމާލޭގެ ގެތަކުން ކުނި ނެރުމަށް ހަމަޖެހިފައިވަނީ ކުރިއެކޭ އެއްގޮތަށް މެންދުރު 12 އިން 14.00 އާދެމެދުއެވެ.

ކޮވިޑް ގެ ހާލަތާ އެކު ވެމްކޯގެ "ޑޯ ސްޓެޕް" ހިދުމަތް މުޅީން މެދުކަނޑައިލާ، ކުނި ނަގަމުން އަންނަނީ ކޮންމެ ގެއެއްގެ ވެސް ދޮރާށި ކައިރިން ކަމަށްވާއިރު، މިހާރު ކުނި ނަގަމުން އަންނަ ގަޑީގެެ ސަބަބުން މަގު މައްޗަށް ލޯޑު ބޮޑުވުމުގެ މައްސަލަ ދިމާވަމުން އަންނަ ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.