ރައީސުލްޖުމްހޫރިއްޔާ، ނ. ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑާއި، އިންޖީނުގެއާއި ފެނަކަ އޮފީސް ޢިމާރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މިކަން ފާހަގަކޮށްދެއްވާފއިވަނީ މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދުއަށް މިއަދު ކުރެއްވި ޒިޔާރާތުގައެވެ. އަދި މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވީ މިއަދު ރައީސް ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް މިއަދު ހުޅުއްވައި ދެއްވި، ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑަކީ، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓޭޑާ ޙަވާލުކޮށްގެން، ޓަރފްއަޅައި، ފެންސް ޖަހައި، ލައިޓިންގ ސިސްޓަމާއިއެކު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.

މިއަދު ރައީސް ހުޅުއްވައި ދެއްވި ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ، ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 1720 ކިލޯވޮޓްއެވެ. އިންޖީނުގެ ކުރިން ހުރީ ސްކޫލް ކައިރީގައި ނަމަވެސް އައު އިންޖީނުގެ މިވަނީ ވޭސްޓް މެނޭޖްމެންޓް ސެންޓަރ ކައިރިއަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން ރައީސް ވަނީ 30 އެނދުގެ ޖާގައިގެ އައު ހޮސްޕިޓަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމްރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.