ސްޕެއިނުގެ ވިންގަރ ޑެނީ އަލްމޯގެ ހެޓްރިކުން މަޝްހޫރު ބަޔާން މިޔުނިކް 0-3 އިން ބަލިކޮށް ލައިޕްޒީގުން ޖަރުމަނު ސްޕަރ ކަޕުގެ ޗެމްޕިއަންކަން ރޭ ހޯދައިފިއެވެ.
ބަޔާން މިޔުނިކް އަލިއަން އެރީނާގައި ކުޅުނު މިމެޗުގައި އެޓީމު ކޮޅަށް އޮލްމޯ ލަނޑުތައް ކާމިޔާބު ކޮށްދިނީ މެޗުގެ 3 ވަނަ މިނެޓާއި 44 އަދި 68 ވަނަ މިނެޓުގައެވެ. މީގެ ތެރެއިން ހެޓްރިކް ފުރިހަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
ބަޔާން މިޔުނިކް މިމެޗުން ބަލިވިނަމަވެސް މެޗް ކޮންޓްރޯލްކޮށްގެން ކުޅުނީ އެޓީމުންނެވެ. ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ އަނިޔާއިން ރަނގަޅު މުޅިން ފިޓްވެފައި ނުވާތީ މިމެޗުގައި ބަޔާންގެ ގޯލު ބެލެހެއްޓީ ސްވެން އުލްރިޗް،35، އެވެ. އަދި ދާދިފަހުން އެކްލަބާ ގުޅުނު އިނގިރޭސި އިތުބާރު ފޯވާޑް ހެރީ ކޭން އާއި ދެކުނު ކޮރެއާގެ ވަރުގަދަ ޑިފެންޑަރު ކިމް މިން ޖައެ ކުޅެން އެރުވީ ދެވަނަ ހާފުގައެވެ.
މިމެޗުން ބަލިވުމާއެކު ކެރިޔަކުގައި ތައްޓެއް ކާމިޔާބު ކުރުމަށް ކޭން ދެކެމުން އަންނަ އިންތިޒާރު އަނެއްކާވެސް ވަނީ ދިގުވާގޮތްވެފައެވެ.
މެޗަަށްފަހު ޓުޗެލް ބުނީ ކޭންއަށް ކެރިޔަރުގެ ފުރަތަމަ ތަށީގައި އަތްލަން ނުލިބި ފައިނަލުން ބަލިވުމުން ހިތާމަކުރާ ކަމަށެވެ. "އަހަރެމެން ހަތަރު ހަފްތާ ވަންދެއް ފަރިތަކޮށްފިން. އެކަމަކު ފަރިތަކުރުންތަކުގައި އަހަރެމެން ކުރި އެއްވެސް ކަމެއް މެޗަކުން ނުފެނުނު. ވަރަށް ފަސޭހަ ލަނޑުތަކެއް އަހަރެމެން ކޮޅަށް ވަނީ. މެޗުން ބަލިވުމުން ކޭން އަދި ބަޔާންއާމެދު އަހަރެން ހިތާމަ ކުރަން. އަހަރެން ބުނަން އޮތީ މައާފް ކޮށްދޭށޭ" ޓުޗެލް ބުންޏެވެ.
އަނެއްކޮޅުން މިއީ ލައިޕްޒީގުން ޖަރުމަނު ސްޕަރ ކަޕް ކާމިޔާބު ކުރި 2 ވަނަ ފަހަރެވެ. މިދިޔަ އަހަރު ލައިޕްޒީގުން ސްޕަރ ކަޕް ކާމިޔާބު ކުރީ ފްރެއިބާގާ ވާދަކޮށް 1-1 އިން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން ކުރި ހޯދައިގެންނެވެ.