ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސް ވަނީ މިއަދު އެރަށް ޒިޔާރަތްކުރައްވާ އެރަށު ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ނ. އަތޮޅުހޮސްޕިޓަލްގެ 6 އޯޕީޑީ ރޫމާއި ލެބޯޓްރީ އަދި ނ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި، އިންޑޯރޖިމް އަދި ފުޓުބޯޅަދަނޑާއި، ފެނަކަ އޮފީސްވެސް ހުޅުއްވައި ދެއްވާފައެވެ.

މަނަދޫ ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ވިޝްވަރާޖް އެންވަޔަރަންމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ނިންމާފައިވާ ނިޒާމެކެވެ. މިމަޝްރޫޢުގެ މަސައްކަތް ނިންމައި މިހާރު ވަނީ 269 ފަރާތަކަށް ފެނުގެ ކަނެކްޝަންސްތައް ގުޅައިދީފައެވެ.

މީގެ އިތުރުން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ހުޅުއްވައިދެއްވި މަލްޓިޕަރޕަސް ހޯލަކީ، އެންމެ ޒަމާނީފެންވަރަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް ހޯލު އިމާރާތެކެވެ.

ހަމައެއާއެކު މަނަދޫ ފުޓުބޯޅަ ދަނޑަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދަނޑެކެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ކުރިން އިންޑޯރ ޖިމްވެސް ހުޅުއްވައި ދެއްވާފައެވެ.

ރައީސް މިއަދު ހުޅުއްވައި ދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މި ޢިމާރާތް ބިނާކޮށްފައި ވަނީ މަނަދޫގެ ބަނދަރު ސަރަޙައްދުގައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.