މޭރީ ގެނބިގެން މަރުވީ ކަމަށް މާވިން ފުރަތަމަ ބުނި ކަމަށާއި ދެން ދަންޖެހިގެން މަރުވީ ކަމަށް މާވިން ބުނިކަމުގައި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގެ ނަރުހެއް މިއަދު ކުރިއަށް ދިޔަ މޭރީގެ މަރުގެ މައްސަލައިގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.
ހެކިވެރިޔެއްގެ ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އަދި މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ޝަރީއަތުގެ މަޖިލީހަށް ދިން ހެކިބަހުގެ ތެރޭގައި ބުނީ، މާވިން ފުރަތަމަ ބުނެފައިވަނީ މޭރީ މަރުވީ ގެނބިގެންކަމަށާއި، ނަމަވެސް، މޭރީ މަރުވީ ދަންޖެހިގެންކަމަށް މާވިން ފަހުން ބުނެފައިވާ ކަމަށެވެ.
މޭރީ މަރާލިކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާކޮށްފައިވާ އިރު، އެކަމުގައި ބައިވެރިވި ކަމަށް ބުނެ އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށްވެސް ދައުލަތުން ދައުވާ ކުރެއެވެ. ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.
އެ މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އައިޖީއެމްއެޗުގައި މަސައްކަތްކުރާ ދިވެހި ނަރުހަކު ހެކިބަސް ދެމުން ބުނީ އައިޖީއެމްއެޗުގެ ޑޮކްޓަރެއްގެ ގޮތުގައި މާވިން މަސައްކަތް ކުރިއިރު ވަނީ، ނަފުސާނީ ބަލި ހުންނަ 16 އަހަރުގެ ކުއްޖަކަށް އަނިޔާކޮށްފައި ކަމަށެވެ. އެ ކުއްޖާއަށް އަނިޔާކުރަމުން ދިޔަ ތަން ފެނުނުކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
އެ ސޯޅައަހަރުގެ ކުއްޖާއަކީ ވަރަށް އެގްރެސިވްކޮށް އުޅޭ ކުއްޖެއްކަމަށާއި އެ ކުއްޖާގެ ގަޔަށް އިންޖެކްޝަން ޖަހަން ބާއްވާފައި އޮއްވައި ފަޔާއި އަތާއި ތަންތަނުން ތަޅައި ގަދަ ހަދަން ފެށުމުން، އެ ކުއްޖާގެ ކަރުގައި ހިފައި ނަގައި އެތާ ހުރި މޭޒުމައްޗަށް ޖެހި ތަން ފެނުނު ކަމަށް ހެކިވެރިއާ ބުންޏެވެ.
ހެކިބަސް ދެމުން، އޭގެ ތެރެއިން އެއް ޑޮކްޓަރަކު ވަނީ މޭރީ ހޮސްޕިޓަލަށް ގެނެވުނުއިރު އޭނާގެ މޫނުމަތީގެ ކުލަ، ދަނބު ކުލައަކަށް ބަދަލުވެފައިވާ ކަމަށް ބުނެފައެވެ. އެގޮތަށް އާއްމުކޮށް ދިމާވަނީ ކަރުގައި ހިފައި ނޭވާ ހާސްކުރުމުން ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ.
ޑޮކްޓަރު އިތުރަށް ބުނެފައިވަނީ މޭރީ ދަންޖެހުނު ކަމުގެ ނިޝާނެއް ނެތް ކަމަށާއި ނަމަވެސް މޭރީގެ ކަރުގައި ކުޑަ ވާކޮޅެއް އޮތް ކަމަށެވެ.