ކިޔަވާ ނިންމާ ކޮންމެ ކުއްޖެއް ނެޝަނަލް ސާވިސް ފުރިހަމަކުރާނެ އަންނަ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޓީވީއެމްއިން ރޭގައި ގެނެސްދިން " ރިޔާސީ ކެންޑިޑޭޓާއެކު" ޕްރޮގުރާމުގައި، ރައްޔިތަކުކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ކިޔަވާ ކޮންމެ ފިރިހެން ކުއްޖަކު ނެޝަނަލް ސާވިސް ކުރުމަށްފަހު ދޮޅުއަހަރު ސިފައިންގޭގައި މަސައްކަތް ކުރަންޖެހޭނެކަމަށެވެ. އަދި އަންހެން ކުއްޖެއް ބޭނުންނަމަ ސިފައިންގެގައި ހިދުމަތްކުރެވިދާނެކަމަށާއި، ނުވަތަ އެހެން ތަނަކަށްވެސް ހިދުމަތްކުރުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ނެޝަނަލް ސާވިސް ފުރިހަމަ ކުރުމަށްފަހު ޓާޝަރީ އެޑިއުކޭޝަން ފުރިހަމަކުރަން ޖެހޭނެކަމަށާއި އެއީ މަދުވެގެން ދެއަހަރު ދުވަހު ޔުނިވާސިޓީއެއްގައި ކިޔެވުން ނުވަތަ ކޮންމެވެސް ސްކިލް ތަމްރީނެއް ފުރިހަމަ ކުރުންކަމަަށެވެ.

"ދެން ނިކުންނަ ކޮންމެ ޒުވާނަކީ ހަރުދަނާ މުރާލި ހިވާގި ހެނދުނު ހޭލާ މަސައްކަތްތަކަށް ކަމޭހިތާ ދީނީ ކަންކަންކަމަށް އިސްކަންދޭ އަހުލާގު ރަނގަޅު މީހަކަށް ވެގެންދާނެ" .
އުމަރު ވިދާޅުވިއެވެ

އަދި ރާއްޖޭގެ ވެރިކަމަށް އާދެވިއްޖިއްޔާ ރައްޔިތުނަށް ލިބޭ ލުއިފަސޭހަތަކުގެ ތެރޭގައި ރާއްޖޭގެ މަގުތައް އަމާންކުރުމާއި، އިގުތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރުމާއި، ޓެކްސް އަށް ބަދަލު ގެނައުން އަދި އިސްލާމީ ހުކުމްތައް ތަންފީޒުކުރާނެކަމަށް އުމަރު ވިދާޅުވިއެވެ.

ޢުމަރު އިންތިޚާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. އެމަނިކުފާނުގެ ރަނިންގ މޭޓަކީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް(މާޒް ސަލީމް)އެވެ.

މިއީ ރިޔާސީ އިންތިހާބުގައި އުމަރު ވާދަ ކުރައްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރިއިރެއްވި ނަމަވެސް ލިބުނީ މަދު ވޯޓެކެވެ.