ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިމަހުގެ 31 ވަނަ ދުވަހަށް ތާވަލު ކޮށްފި އެވެ.

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި އަދުރޭގެ މައްޗަށް ދަޢުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށައަޅަައިފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ރޭ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އަދުރޭގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން މިމަހުގެ 31 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށެވެ.

ހަޑިހުތުރު ބަހުން ވާހަކަ ދެއްކި މައްސަލައިގައި އަދުރޭގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ފުލުހުން ތަހުގީގުކުރާ މައްސަލައަކަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު އެ ތަނުގެ ބޭރުގައި ހުންނަވާ އަބްދުއްރަހީމް ހަޑިއެއްޗެހިކީ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އެކަމަކު މިހާތަނަށް އެ މައްސަލައާ ގުޅިގެން ދައުވާކޮށްފައެއް ނުވެ އެވެ.