އެމްއާރުއެމްއަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ތުހުމަތުވާ މައްސަލަތައް އަވަހަށް ތަހުގީހުކޮށް ދިނުމަށް އެޕާޓީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިންގާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވަނީ އެމްއާރުއެމަށް ނިސްބަތްވާ ފިރިހެން ޑެޕިއުޓީ މިނިސްޓަރަކަށް ކޮރަޕްޝަންގެ ތުހުމަތުކޮށްފައެވެ.
އެމްއާރުއެމް އިން އޭސީސީއަށް ފޮނުވި ސިޓީގައި ވަނީ އެމްއާރުއެމްގެ ސްލޮޓެއްގައި ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީ އަށް އަމާޒުވެފައިވާ ހިޔާނާތުގެ ތުހުމަތާއި ގުޅިގެން ބަލަމުންދާ މައްސަލަ އަވަހަށް ނިންމައިދިނުމަށާއި އަދި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް އެޕާޓީއާވެސް ހިއްސާކޮށްދެއްވުމަށެވެ.
ޒަރިޔަންދު، ޝިމާޒަށް ތުހުމަތުތަކެއް ކުރެއްވީ، ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ އުޅަނދެއްގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހެދުން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދިން މައްސަލަ ފަޅާއަރައި ފިނޭންސް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހުން އެ މަސައްކަތް ހުއްޓުވާފައި ވަނިކޮށެވެ.
ޕްރޮޖެކްޓެއް ނުވަތަ ޚިދުމަތެއް 2.5 މިލިއަން ރުފިޔާ އަށް ވުރެން ބޮޑު ނަމަ މާލިއްޔަތު ގަވާއިދުގައި ކުރިން އޮންނަނީ ޓެންޑަ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދާށެވެ. އެކަމަކު މި މަސައްކަތް ކުރިއަށް ގެންދިޔައީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީންނެވެ. ވަސާޖިއޯއާ ހަވާލުކުރިއިރު ބިޑް ކޮމިޓީގެ ޗެއާއަކަށް ހުންނެވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އެވެ.