އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯގައި ހިމެނޭ ތިންވަނަ ސިޔާސަތު ރޭ އިފްތިތާހު ކޮށްފިއެވެ.
ރައީސް ސާލިހުގެ މި ފަހަރުގެ މެނިފެސްޓޯ އެކުލެވިގެން ވަނީ ޖުމްލަ ފަސް ދާއިރާއަކުންނެވެ.
އެމްޑީޕީގެ "އަމާންދިވެހިރާއްޖެ" މެނިފެސްޓޯ ބަހާފައިވާ ފަސް ސިޔާސަތުތަކަކީ:
- އުފާވެރި ދިރިއުޅުން
- އަމާން މުޖުތަމައު
- ޒުވާނުންގެ އާޖީލު
- އިގުތިސާދީ ބޮޑު ބަދަލު
- ހެޔޮވެރިކަން
މި ފަސްދާއިރާގެ ތެރެއިން "އަމާން މުޖުތަމައު"، މި ސިޔާސަތު އިފްތިތާހު ކޮށްދެއްވީ ރޭ އއ. އުކުޅަހުގައި ބޭއްވި ކެމްޕެއިން ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.
ރޭ އިފްތިތާހު ކުރި "އަމާން މުޖުތަމައު" ސިޔާސަތުގައި ކުށުގެ ވެށީން ދުރުކުރުމާއި ކުށުގެ ވެއްޓަށް ފާރަވެރިވުމާއި ކުށަށް ޒިންމާ ނެގުމާއެކު ފަރުވާ މި ނަމުގައި މުހިންްމު ވައުދުތަކެއް ހިމަނާފައިވެއެވެ.
- ކުށަށް ޒިންމާވާން ޖެހޭ އުމުރުގެ މީހުން ކުށުގެ ވެއްޓަށް ހުޅަހެޅުމުން އެ ކުށެއްގެ ޒިންމާ ނެގުމުގައި ބަންދު ނޫން އެހެނިހެން ބާވަތުގެ އަދަބުތައް ދިނުމުގެ އުސޫލު ހަރުދަނާކުރުން
- ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖައާކުރުން
- އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ އިންސާނީ ކަރާމާތަށް އިސްކަންދިނުމަށް ބޭނުންވާ ވަސީލަތްތައް
- ރިހެބިލިޓޭޝަން ސެންޓަރުތަކުގައާއި ޖަލުތަކުގައި ފުރިހަމަ ކުރުމާއި ފުލުހުންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުރިހަމައަށް ގާއިމު ކުރުން
- ރިއަލް ޓައިމް ރެސްޕޮންސް ސެންޓަރެއް ދިވެހި ފުލުހުންގެ ހިދުމަތުގައި ގާއިމުކުރުން
- ވަށައިގެންވާ މާހައުލަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުން
- އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސާވައިލަންސް ނިޒާމު ގާއިމު ކުރަން
ޑްރަގް ޓްރެފިކިން އަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސާވެއިލަންސް އާލާތްތައް ތައާރަފު ކުރާމާއި އާބާދީ ބޮޑެތި ރަށްރަށުގައި ޓްރެފިކް އެންފޯސްމަންޓުގައި ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފުން ހިމެނިފައިވެއެވެ.
އަދި ސައިބާ ސެކިއުރިޓީ އަދި ސޭފްޓީ ގާއިމު ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އިކޯސިސްޓަމެއް ގާއިމުކޮށް، ސައިބާ ޕްރޮޓެކްޝަން ހަރަކާތްތައް ފުޅާކުރުމާއެކު ގޭންގުތައް ހަރަކާތް ތެރިވާ ގޮތް ދެނެގަނެ، ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލުކަން އިތުރު ކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.