ސުކޫލު ބޮޑު ޗުއްޓީ އަހަރު ފަހު ކޮޅަށް ހެދިޔަސް އެކަމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެއްވެސް މުއައްޒަފަކަށް ގެއްލުމެއް ނުވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިޖަލްސާގައި މުއިއްޒު ވިދާޅުވީ ސުކޫލް ބޮޑު ޗުއްޓީ އަހަރުގެ ފަހުކޮޅަށް ބަދަލު ކުރާނެ ކަމަށެވެ. ޗުއްޓީ އަހަރުގެ ފަހުކޮޅަށް ބަދަލުކުރައްވާ ވާހަކަ މުއިއްޒު ވިދާޅުވި ވަގުތުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް ވަނީ މުއިއްޒުގެ ވާހަކައަށް ފާޑުކިޔައިފައެވެ. އެހެންކަމުން، މުއިއްޒު ވަނީ އެއީ އެންމެ ކުރިއްސުރެ އެކަން އޮންނަ ގޮތް ކަމަށާއި އެކަމުގެ ތަފްސީލް ފަހުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވި ގޮތަށް މުއިއްޒު ވަނީ އެހައްލު ރައްޔިތުންނަށް ހާމަކުރައްވާފައެވެ.
ބޮޑު ޗުއްޓީ އަހަރުގެ ފަހު ކޮޅަށް ބަދަލުކުރައްވަނެ ކަމަށް ވިދާޅުވެ މުއިއްޒު ދެއްކެވި ވާހަކަތަކުގެ ތަފްސީލް ދެއްވަމުން ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ކުރިން އޮންނަ ގޮތަށް އަހަރުގެ ފަހު ކޮޅަށް ބޮޑު ޗުއްޓީ ބަދަލުކުރި ކަމުގައިވީ ނަމަވެސް ޓޫރިޒަމް ދާއިރަގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް އަދި އެމުވައްޒަފެއްގެ އާއިލާއަކަށް ވެސް ދެރަގޮތެއް ނުވާނެ ކަމަށެވެ. އެގޮތުން އަހަރުގެ މެދު ތެރެއިން އެއް މަސް ޗުއްޓީ ލިބޭގޮތް ހައްދަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކޮށް އަރުވަން ބޭނުންވަނީ ކުރީގައި އޮތް ގޮތަށް ބޮޑު ޗުއްޓީ ބަދަލު ކުރުމަކުން ޓޫރިޒަމް ސެކްޓާގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ އާއިލާތަކަށް އެއްވެސް ގެއްލުމެއް ލިބުނަކަ ނުދޭނަމޭ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެގޮތަށް ހަމަޖެއްސުމުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާއާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެކަމާ އެއްވެސް މުވައްޒަފަކު ކަންބޮޑު ނުވުމަށް އެދިވަޑައިގަތެވެ.
މުއިއްޒު ވިދާޅުވީ އަހަރުގެ މެދު ތެރެއިން ޗުއްޓީ އެއް ދިނުމަށް ނިންމީ ފަތުރުވެރިކަމުގެ ދާއިރަގައި މަސައްކަތް ކުރާ މުވައްޒަފުންނާ ވެސް ބައްދަލުކޮށް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށާއި އެކަމުގެ ތަޖުރިބާކާރުންނާ ވެސް މަޝްވަރާކުރެއްވި ކަމަށެވެ.
ސުކޫލު ބޮޑު ޗުއްޓީ އަހަރުގެ މެދަށް މިސަރުކާރުން ބަދަލުކުރީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް އެ މީހުންގެ ދަރިންނާއެކު ޗުއްޓީ ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.