ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، ހައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ހައްޖުގެ އަގު ހެޔޮކުރުމުގެ އިތުރުން، ފަސް އަހަރު ތެރޭގައި 1،000 ފަގީރުން ހިލޭ ހައްޖުގެ އަޅުކަމަށް ފޮނުވާނެ ކަމަށް، އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

މުއިއްޒު މިހެން ވިދާޅުވީ މ. މުލަކުގައި ބޭއްވި ޖަލްސާގައެވެ. ހައްޖު ކޯޕަރޭޝަން ހިންގަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށާއި އެ ކޯޕަރޭޝަންގެ ހިންގުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ހައްޖު ފަންޑުން އިންވެސްޓުކޮށް ނަފާ ހޯދައި މާލީ ގޮތުން ވަރުގަދަ ކުރަން ޖެހޭ ކުންފުންޏަކަށް ހަދަންޖެހޭކަމަށާއި އޭރަށް ހައްޖަށް ދާ އަގުތައް ކުޑަވެގެންދާނެކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.

ފުރަތަމަ އަހަރު ވެސް ހައްޖުގެ އަގު ކުޑަވެގެން ދާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ފަގީރުން ހިލޭ ހައްޖަށް ގެންދާއިރު، ފޯރުންތެރިކަން ދަށް މީހުންނަށް، ބަހާލައިގެން ހައްޖުގެ އަގު ދެއްކޭނެ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި މިހާރު އޮތް ޒަކާތު ފަންޑު ހަރުދަނާކޮށް ހިންގުމަށްޓަކައި، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ގާނޫނީ ހައިސިއްޔަތު ލިބޭ އޮފީހެއް އުފެއްދުން ހިމެނެ އެވެ.

"އޭރުން، އެކި ދާއިރާތަކަށް އިންވެސްޓްކޮށް ފައިދާ އިތުރުވެ، ޒަކާތު ފަންޑު ބޮޑުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ،

މުއިއްޒު ވަނީ އި ޗައިނާގެ ފަތުރުވެރިން އިތުރުކުރަން މަތިންދާ ބޯޓެއް ކުއްޔަށް ގެނެސް، އައިލެންޑް އޭވިއޭޝަންގެ މެދުވެރިކޮށް ޗައިނާގެ މުހިންމު މަންޒިލުތަކުން ޓޫރިސްޓުން ގެންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.