ޕާކިސްތާނުގެ ބޮޑެތި ސިޓީތަކުގެ ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން އެބަގެންދެއެވެ.
ޕާކިސްތާނުގެ ރަށްތަކުން ރޭ ކަރަންޓު ކަނޑައިގެންދިޔައީ އެ ގައުމުގެ މައި އިންޖީނުގެ ކަމަށްވާ ގުއްޑޫ އިންޖީނުގެއަށް މައްސަލަތަކެއް ދިމާވެ، އެކި ރަށްތަކުގެ ކަރަންޓު ވިއުގަވަނީ އަމިއްލައަށް މަސައްކަތް ހުއްޓުމުގެ ސަބަބުންނެވެ.
މިކަހެދި، 220 މިލިއަން މީހުންގެ އާބަދީއެއް އޮންނަ ޕާކިސްތާނުގެ ރައްޔިތުން މުޅި ރޭ ހޭދަކޮށްފައިވަނީ ކަނު އަނދިރީގައެވެ.
ޕާކިސްތާނު ސަރުކާރުގެ އެނަރޖީ މިނިސްޓަރ އުމަރު އައްޔޫބް ޚާން ވިދާޅުވީ، އިންޖީނުގެއަށް ދިމާވި އަސްލު މައްސަލަ އަދިވެސް ދެނެ ނުގަނެވޭ ކަމަށެވެ. ރިޕެއަރ ކްރޫން އަދިވެސް ގެންދަނީ މައްސަލަ ހޯދަމުންކަމަށް އެނަޖީ މިނިސްޓަރ ވިދާޅުވިއެވެ.
ޓީމުތަކުން ކުރި މަސައްކަތުން ޕާކިސްތާނުގެ އިތުރުގެ ބައެއް ހިސާބުތަކަށް މިހާރު ކަރަންޓު ދޭން ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކަރަންޓު އަލުން ލިބިފައިވާ ސިޓީތަކުގެ ތެރޭގައި؛ ވެރިރަށް އިސްލާމްއާބާދު، ރާވަލްޕިންޑީ، ފައިސަލްއާބާދު، ލާހޫރު، މުލްޓާން، ޖަހާންގް އަދި މިއާންވާލީ ހިމެނެއެވެ.
20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކަރާޗީގައި އަދިވެސް ކަރަންޓެއް ނެތެވެ. ކަރާޗީއަކީ ޕާކިސްތާނުގެ އެންމެބޮޑު ސިޓީއެވެ.
ރިޕޯޓްތައް ބުނާގޮތުން، ކަރާޗީއެއްގެ އެކި ހިސާބުތަކަށް ވަކި ވަކިން ކަރަންޓު ދިނުމުގެ މަސައްކަތް ކަރާޗީގެ އިންޖީނުގެއިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ކަރާޗީން އެންމެ ފުރަތަމަ ކަރަންޓު ދީފައިވަނީ މުޅި ސިޓީއަށް ފެން ފޯރުކޮށްދޭ ޕަމްޕް ސްޓޭޝަންތަކަށެވެ.
މުޅި ޕާކިސްތާނުން ކަރަންޓު ދިއުމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށްވެސް ހުރަސް އެޅިގެންދިޔައެވެ. ޕާކިސްތާނުގެ އިންޓަރނޭޝަނަލް އެތައް އެއަރޕޯޓަކަށް މައްސަލަތައް ދިމާވެގެން ރިޕޯޓްކޮށްފައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިއީ މިފަހުގެ ތާރީޚެއްގައި ޕާކިސްތާނަށް ކުރިމަތިވި ކަރަންޓު ކަނޑައިގެން ދިއުމުގެ އެންމެބޮޑު މައްސަލައެވެ.