ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުއަށް މ ދިއްގަރުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ޑރ މުއިއްޒަށް މަރުހަބާ ދެންނެވުމަށްޓަކައި ދިއްގަރު އޮތީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ.
އަދި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެފަ އެވެ.
ޑރ މުއިއްޒު ރަށަށް ވަޑައިގެން ވަނީ އެމަނިކުފާނުގެ ރިޔާސީ ކެންޑިޑޭޓު ނަންބަރު "ނަންބަރު 4" ޖަހާފައިވާ ބޯޑެއްގައި ހެޔޮފާހަގަ ޖައްސަވާ ސޮއިކުރައްވާފަ އެވެ. އެއީ މި ރަށުން ޑރ މުއިއްޒަށް މެޖޯރިޓީ ވޯޓު ހޯދާދޭނެކަމުގެ ރަމްޒީ ހަރަކާތެއްކަމަށް އެ ހަރަކާތް އިންތިޒާމު ކުރެއްވި ފަރާތްތަކުން ވަނީ ބުނެފައެވެ.
ޑރ މުއިއްޒު ވަނީ މި ރަށަށް ވަޑައިގެން ދިއްގަރުގައި ޕީޕީއެމްގެ ޖަގަހަ ރަސްމީކޮށް ހުޅުވާދެއްވާފައެވެ. އެފަހުން ދިއްގަރުގައި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާއެއް ވެސް ވަނީ ބާއްވާފައެވެ.
ޑރ މުއިއްޒު ދިއްގަރަށް ވަޑައިގެންފައިވަނީ މ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ފަހުއެވެ.
ދިއްގަރުގައި ޖަލްސާ ހުޅުވާދެއްވަނީ އެ އަތޮޅަށް ޑރ މުއިއްޒުގެ ވެރިކަމެއްގައި ކޮށްދެއްވާނެ މުހިންމު ކަންތައްތައް ހާމަކުރައްވާފައެވެ. މުއިއްޒު ވަނީ ރައްޔިތުން އިހުލާސްތެރިކަމާއެކު ގައުމީ ފިކުރުގައި ވޯޓުދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.