ރިޔާސީ ކެމްޕޭންގައި ޑރ.މުއިއްޒުއާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުން ކ.ގުރައިދޫއަށް ވަޑައިގެންނެވުމުން ހިނގައިދިޔަ ހަމަނުޖެހުމަށްފަހުވެސް އެރަށުން ކިޔާފައިވަނީ ވަރަށްވެސް ހޫނު މަރުހަބާއެކެވެ.

ގުރައިދޫގައި ހިނގި ހަމަނުޖެހުން ހިންގީ މުއިއްޒު ވަޑައިގަންނަވާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީއަށް ސަޕޯޓްކުރާ ބަޔަކު ނުކުތުމުންނެވެ. އެ މުޒާހަރާގެ ބައިވެރިންނާއި މުއިއްޒަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންނާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކޮށް، އެންމެ ފަހުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ، ވަކި ހިސާބަކުން އެއް ބަޔަކު ގަޔަށް އަތްލައި މާރާމާރީ ހިންގަން ފެށި އެވެ. އެ ތަޅާފޮޅުމުގެ ތެރެއިން އެމްޑީޕީ އާއި ޕީޕީއެމްގެ ދެ ސަޕޯޓަރެއްގެ ބޯ ވަނީ ފަޅައިިގެންގޮސްފައެވެ.

ކަންތައް މިހިސާބަށް ދިޔުމުން، މައްސަލަ ހައްލުކުރުމަށް، ފުލުހުން ކުރި މަސައްކަތުން ވަނީ ހަމަނުޖެހުން ކޮންޓްރޯލްކޮށް އެމްޑީޕީ މީހުންނަށް ވަކި ސަރަހައްދެއްގައި ތިބެވޭގޮތަށް ކޯޑަން ކޮށްފައެވެ.

ޑރ.މުއިއްޒު ވަނީ ގުރައިދޫއަށް ވަޑައިގެންނެވީ މި ހަމަނުޖެހުން ހިންގިތާ ގިނަ އިރުތަކެއް ނުވަނީހެވެ. ގުރައިދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ޕީޕީއެމް އާންމު ގިނަ އަދަދެއްގެ މެމްބަރުން ވަނީ ނިކުމެ މުއިއްޒުއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.