ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ގުޅި ގުރައިދޫ އަދި މާފުށީގެ ބިން ހިއްކައިދޭނެ ކަމުގައި އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިގޮތުން ގުޅީގެ ބިން ހިއްކައިދޭއިރު، ގުރައިދޫ އަދި މާފުށީގެ ބިމުން ހިއްކާފައި އޮތްބައި ބޮޑު ކޮށްދެއްވާނެ ކަމުގައު ޑރ. މުއިއްޒު ވިދާޅުވިއެވެ.
ގުރައިދޫގައި މިރޭ އޮތް ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރައީސް ޔާމިންގެ ވެރިކަމުގައި ހިއްކި ގިނަ ބިންތަކުގައި އަދިވެސް ނަރުދަމާއާއި ކަރަންޓު ލިބެން ނެތްކަމަށާއި، ބިން ހިއްކާ ތަންތަނުގައި އާރޯކަން ގެނެސްދިނުމަށްޓަކާ ގާއިމް ކުރާންޖެހޭ އަސާސީ ހިދުމަތްތައް ގާއިމް ކޮށްދެއްވާނެ ކަމުގައެވެ.
މުއިއްޒުގެ ވާހަކާގައި ވިދާޅުވީ ގުރައިދޫގެ ބަނދަރަކީވެސް ރައީސް ޔާމިންގެ ވެރިކަމުގައި ހަދާފައި އޮތް ބަނދަރެއް ކަމަށާއި، ބަނދަރުގެ ޖާގަ އިތުރުކޮށް، ބަނދަރުވެސް އިތުރަށް ތަރައްގީ ކޮށްދެއްވާނެ ކަމުގައެވެ.
އޭގެ އިތުރަށް މުއިއްޒު ވިދާޅުވީ އެއް ދަންފަޅިއަށް ކިޔެވޭނެ މަގު ފަހިކުރުމަށް އެރަށުގެ ސްކޫލު އެންމެ ޒަމާނީ ސުލޫކަށް ބަދަލު ކޮށްދެއްވާނެކަމުގައެވެ. ހަމައެއާއެކު، މާފުށީގައި އޮތް ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން، މާފުށީގައި ޑޮލަރުގެ ވިޔަފާރިއަށް ބޭނުންވާ ޑޮލަރު އޭޓީއެމްއެއް އެރަށުގައި ބަހައްޓަވާ ދެއްވާނެކަމަށް ވިދާޅުވަމުން މުއިއްޒު ވިދާޅުވީ އެ އޭޓީއެމް ވެގެންދާނީ، މާލެއިން ބޭރުގައި ބެހެއްޓޭ އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމްއަށް ވެގެންދާނެ ކަމުގައެވެ.ހަމަ އެއާއެކު މާފުށީގެ މަގުތައް ހެދުންވެސް ތަރައްގީގެ ލިސްޓުގެ ކުރީގައި ޖައްސަވާނެކަމަށާއި، މާފުށީގައި ފެރީ ޓާމިނަލެއްވެސް ގާއިމް ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކާގައި އިތުރަށް ވިދާޅުވީ، އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގުޅީގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ މިހާރު ލިބެމުންދަނީ މައި ސަރުކާރަށް ކަމުގައެވެ. މިގޮތުން ރަށްތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ، މައި ސަރުކާރަށް ލިބޭ ގޮތަށް އޮތްއޮތުން ބަދަލު ކުރައްވާނެކަމަށް ވިދާޅުވަމުން މުއިއްޒު ވިދާޅުވީ އެއީ ލާމަރުކަޒީ ގާނޫނުންވެސް އެކަން އެކަށައަޅާފައިވާ ގޮތް ކަމުގައެވެ. އަދި އެގޮތަށް އެކަން ހިނގަމުންދާ ބައެއް ރަށްތައް އެބަހުރިކަމަށް ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، އެއްވެސް ރަށެއްގެ ކައުންސިލްގެ އިހުތިސާސްގައި އޮތް އެއްވެސް ބިމަކުން ލިބޭ ފައިދާ ރަށުގެ ކައުންސިލަށް ނުލިބޭ ގޮތަކަށް އޭނާގެ ސަރުކާރުން އަމަލު ނުކުރައްވާނެ ކަމުގައެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ކުނި މެނޭޖްކުރުމަށްވެސް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމުގައެވެ. އަދި ގުޅީގެ ބަނދަރު އެރަށުގެ ބިންހިއްކުމުގެ މަޝްރޫއާއި ގުޅުވައިގެން ބޮޑުކޮށް ދެއްވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.