ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 15 ވަނަ އަހަރީ އާންމު ޖަލްސާ ލަންކާގެ މެރިއަޓް ކޮލަންބޯގައި ބާއްވައިފިއެވެ.
މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ އަލީ ފާއިޒްއެވެ.
މި ޖަލްސާގައި ކުރިއަށް އޮތް ދައުރަށް އެކައުންސިލްގެ ރައީސް އަދި 2 ނައިބު ރައީސްގެ އިތުރުން އެހެނިހެން މަޤާމުތަކަށް ބޭފުޅުން ވަނީ އައްޔަންކޮށްފައެވެ.
މީގެއިތުރުން ގެސްޓް ސްޕީކަރެއްގެ ގޮތުގައި އެ ޖަލްސާގައި ވާހަކަދެއްކެވީ ރާއްޖޭގެ އެންމެ ފުރަތަމަ ޓުއަރ އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރި ކުންފުނި ސްލޯން ޓުއާރސް ލިމިޑެޓްގެ މެނޭޖިންގ ޑިރެކްޓަރ ސުރެން އެޑިރިސިންހައެވެ.
އެބޭފުޅާގެ ވާހަކައިގައި ރާއްޖޭގެ ފަތުރުވެރިކަން ފެށުނުގޮތާއި މިހާރުގެ ހާލަތަށް ވަނީ އަލިއަޅުވާލައްވާފައެވެ.
ފަތުރުވެރިކަން ފުރަތަމަ ފެށުނު އިރު ޓުއަރ އޮޕަރޭޓަރެއްގެ ހައިސިއްޔަތުން ކުރިމަތިލާންޖެހުނު ކަންކަމާއި އަދި ފަހުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންގެ އަދަދު އިތުރުވެ އިތުރު އެއަރލައިންތަކާއި ވާހަކަދައްކައިގެން ރާއްޖެއަށް ދަތުރުތައް ފެށިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ލަންކާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކާއި އަދި ސްރީލަންކާއި ދިރިއުޅޭ ދިވެހިންނަށް ވިޒާގެ ކަންކަން ހަމަޖައްސައިދެއްވުމަށް ކުރެއްވި މަސައްކަތް ވެސް އޭނާ ހިއްސާކުރެއްވިއެވެ.