ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސް ނޭޅުމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އިލްތިމާސް ކުރައްވައިފިއެވެ.
އިމްރާން މިކަމަށް އިލްތިމާސް ކުރައްވާފައި ވަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދޫއަށް މިއަދު ކުރެއްވި ކެމްޕޭން ދަތުރާ ދިމާކޮށް ގުރައިދޫގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ޕީޕީއެމްގެ މެންބަރުންގެ މެދުގައި ވަރުގަދަ ހަމަނުޖެހުމެއް ހިނގާފައި ވަނިކޮށެވެ.
އެކްސް.ކޮމް ގައި މިރޭ ކުރެއްވި ޓްވީޓެއްގައި އިމްރާ ވިދާޅުވީ ކެމްޕޭނު ކުރުމުގައިވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައިވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެގެން ނުވާނެ ކަމަށެވެ. އަދި ކެމްޕޭނަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިފަދަ ކަންކަމުން ދުރުވެ ތިބުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
"ކެމްޕޭނުކުރުމުގައިވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައިވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިފަދަކަންކަމުން ދުރުވެތިބުމަށް ގޮވާލަން!" އިމްރާން ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހް ރަށްރަށަށް ވަޑައިގަންނަވާއިރު "ތިޖަހާ ސަކަރާތް ޖެހުން" ހުއްޓާލުމަށް އަމުރުކޮށް އިދިކޮޅު ފަރާތްތަކަށް މިނިސްޓަރު އިމްރާން މީގެކުރިންވެސް ވަނީ އިންޒާރު ދެއްވާފައިވެއެވެ. ޖުލައި 16 ވަނަ ދުވަހުގެ ރޭ މ. ދިއްގަރުގައި ރައީސްސާލިހްގެ ކެމްޕޭން ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް ވަރުގަދައަށް އިންޒާރު ދެއްވަމުން އިމްރާން ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގުމުގެ ނަމުގައި މިރާއްޖޭގައި ސުލްހައާއި ހަމަޖެހުން ނަގާލަން އަދި އަބަދު މުޒާހަރާކޮށް ވެލިއުކަން ފުރުސަތު ދެން ނުދެއްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސާލިހް ވަޑައިގަންނަވާ ކޮންމެ ރަށަކުންހެން އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައީސްގެ ކެމްޕޭނަށް ހުރަސް އަޅަމުންނެވެ. މިފަދަ ބައެއް ހަރަކާތްތަކާ ގުޅިގެން ބައެއް ރަށްރަށުން އިދިކޮޅު މީހުން ހައްޔަރުކޮށްފައިވެސް ވެއެވެ.