މި އަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ، މި ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ދިވެހިބަހުގެ އެކެޑަމީން ނިންމައިފިއެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ އަށްވަނަ ދުވަހަކީ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ފާހަގަކުރަމުން އަންނަ ލިޔުންތެރިންގެ ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ބާއްވާނީ ބުރާސްފަތި ދުވަހުގެ ރޭ މަޖީދިއްޔާ ސްކޫލު ހޯލުގައެވެ.

މި އަހަރުގެ ލިޔުންތެރީންގެ ދުވަސް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ ލިޔުންތެރީންގެ ގުޅުމާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެންނެވެ.

ދިވެހި ބަހުގެ އެކެޑެމީން މައުލޫމާތު ދީފައިވާ ގޮތުގައި މި ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސިލަރ ޑރ. ސައުދުﷲ އަލީ އެވެ

މި އަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުން ކަނޑައަޅާފައި ވަނީ "މުޖުތަމައުގެ މަސްލަޙަތު، ލިޔުންތެރިންގެ މަސްއޫލިއްޔަތު"އެވެ. އަދި، ދިވެހި ލިޔުންތެރިންގެ ދުވަސް މި އަހަރު ޚާއްސަކޮށްފައި ވަނީ ދިވެހި އަދަބުގެ އުޖާލާވި ރަންތަރި، އުސްތާޒުލްޖީލް ފަޟީލަތުއްޝައިހް މުހައްމަދު ޖަމީލް ދީދީއަށެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުނީ، ލިޔުންތެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ އެ ތާރީހުގައި ބާއްވަން ނިންމީ ލިޔުންތެރިންގެ ދުވަސް ކަމުގައިވާ ޖުލައި މަހުގެ އަށްވަނަ ދުވަސް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާ މި އަހަރު ދިމާވެފައިވުމުން ކަމަށެވެ. އަދި، މިފަދަ ހަރަކާތްތަކަކީ ސްކޫލުތަކުގެ ދަރިވަރުންނާ މުދައްރިސުން ޝާމިލުވާ ގޮތަށް ބާއްވާ ހަރަކާތްތަކެއް ކަމަށް ވާތީ ކަމަށް އެ އެކެޑަމީން ވަނީ ބުނެފައެވެ.

"މި ޖަލްސާގައި މި އަހަރުގެ ލިޔުންތެރީންގެ ދުވަސް އެ ފަރާތަކަށް ހާއްސަކޮށްފައިވާ އަލްއުސްތާޒު މުހައްމަދު ޖަމީލު ދީދީގެ ހަނދާންތައް އާ ކުރުމުގެ ގޮތުން އެ މަނިކުފާނުގެ މައްޗަށް ތައްޔާރުކޮށްފައިވާ ހާއްސަ ވީޑިއޯ ރިޕޯޓަކާއި އެ މަނިކުފާނުގެ ހާއްސަ ފަންނެއް ކަމުގައިވާ އެ މަނިކުފާނުގެ ޑްރާމާތަކުން ފާހަގަކޮށްލެވޭ ޑްރާމާއެއް އިސްކޫލު ދަރިވަރުންކޮޅެއް އިސްޓޭޖުގައި ހުށަހަޅައިދޭތަން ފެނިގެންދާނެއެވެ. އަދި ލިޔުންތެރީން ލިޔުއްވައިފައިވާ ތަފާތު ފޮތްތައް ވެސް ނެރުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން މި އަހަރުގެ ދިވެހިބަހުގެ ދުވަހާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީން ދައުލަތުގެ އޮފީސްތަކަށް އަމާޒުކޮށް ބޭއްވި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން ވެސް އޮންނާނެއެވެ."

ދިވެހި ބަހުގެ އެކެޑަމީއެ އެކެޑަމީން ބުނީ މި ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ގިނަ އަދަދެއްގެ ސްކޫލު ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން އާންމު ފަރާތްތައް ވެސް ޝާމިލުވާ ގޮތަށް ކަމަށެވެ.

އޭގެ އިތުރުން ގިނަ އަދަދެއްގެ ލިޔުންތެރީންނާއި އެ ފަންނުގައި މަސައްކަތްކުރާ އެކި ޖަމިއްޔާތަކުން ވެސް އެ ޖަލްސާގައި ބައިވެރިވާނެ ކަމަށް އެކެޑަމީން ބުންޏެވެ.