އިންޑިޔާ ކަނޑުގެ ޖަޒީރާ ޤައުމުތަކުގެ ކުޅިވަރު މުބާރާތް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ.) 2023،ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ސޯޝަލް ސެންޓަރުގައެވެ.

މި ރަސްމިއްޔާތުގައި ވަނީ އައި.އޯ.އައި.ޖީ 2023ގައި ރާއްޖެ ތަމްސީލުކުރާ ފްލޭގް ބެއަރަރ އިޢުލާންކުރައްވާފައެވެ. ފްލޭގް ބެއަރަރސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޓެނިސް ކުޅުންތެރިޔާ ޢަބުދުﷲ ފާއިހް ފަޒީލްއާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީއެވެ

. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީއަށް ފްލޭގް ޙަވާލުކޮށްދެއްވާފައިވެއެވެ.

ކުޅުންތެރިން އުފައްދައި، ހުނަރުވެރި ޤާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކޮށް، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެކެވެ.

މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 3 ގެ ނިޔަލަށް މަޑަގަސްކަރާގައި ކުރިޔަށްގެންދާ އައި.އޯ.އައި.ޖީ 2023ގައި ރާއްޖެއިން ޖުމްލަ 176 ކުޅުންތެރިން ވާދަކުރެއެވެ. އަދި މިފަހަރު ޖުމްލަ 10 ކުޅިވަރެއްގައި ރާއްޖޭގެ ޓީމުތަކުން ވާދަކުރާއިރު އައި.އޯ.އައި.ޖީގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ޓެނިސް، ޕެރަ އެތްލެޓިކްސް، ސްވިމިންގ، ބާސްކެޓް ބޯލް ހިމެނެއެވެ.