ފާއިތުވެދިޔަ ވިހިއަހަރު ނުކުރާ ވަރަކަށް ވިހި ދުވަހު މަސައްކަތްކޮށްގެން ރައީސް ހޮވުމަށް އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެދިވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕޭންގައި ގަލޮޅު އުތުރު ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މިސަރުކާރުން މާލޭގެ ރައްޔިތުންގެ އުންމީދިތައް ހާސިލް ކޮށްދެއްވާފައިވާކަމަށެވެ. މާލޭ ރައްޔިތުން އެންމެ ބޮޑަށް ފާއިތުވެދިޔަ ސާޅީސް އަހަރު އުންމީދު ކުރަމުންދިޔައީ މާލެއިން ގޯއްޗެއް، ފްލެޓެއް ލިބުންކަމަށެވެ. އެކަން މިސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިމުމަކަށް ގެނެސްފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ގޯތީގެ ވާހަކަ ދެކެވިއްޖެ ސާޅީސް އަހަރު ވީއިރުގައި ގޯތި ދޭކަށް ނުކުރެނު. އަދި ނުކުރެނީ އެކަންޏެއްނޫން އަޅުގަނޑުމެން މިދިނީ 22،000 މީހުން ގޯއްޗަށް އެދުނީމަ އޭގެ ތެރެއިން 19،000 މީހުންނަށް ގޯތި ދީ ނިންމީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބާއި މިދޭތެރޭގައި ކުރިއަށް އޮތް ވިހި ދުވަހަކީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރަން މަސައްކަތް ފަށަންވީ ވިހި ދުވަސް ކަމަށެވެ. ފައްޔާޒު ވަނީ އެމްޑީޕީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން އެކަތިގަނޑަކަށްވެ ރައީސް ސާލިހު ހޮއްވެވުމަށް މަސައްކަތް ކުރުމަށް އެދިފައެވެ.

"އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުން އެރިހުން އެދެނީ މިބާކީ އޮތް ވިހި ދުވަހުގެ ތެރޭގައި، ކުރިން ނުކުރާ ވަރުގެ މިވޭތުވެދިޔަ ވިހި އަހަރު ނުކުރައްވާ ވަރަށް މަސައްކަތް ކުރައްވާ މި ވިހި ދުވަހު ހިފަހައްޓާލަ ދެއްވާށޭ،" ފައްޔާޒު ވިދާޅުވިއެވެ.

ގަލޮޅު އުތުރު ޖަގަހަ ހުޅުމަށް ބޭއްވި ރަސްމިޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މީކާއިލް ނަސީމާއި، މާލޭގެ ކުރީގެ މޭޔަރު ސަރަގު އާދަމް މަނިކާއި، އެމްޑީޕީގެ އާންމެ މެމްބަރުންވެސް ބައިވެރި ވެފައިވެއެވެ.