ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާސްޝިޕްމަންޓް ބަނދަރު ގާއިމްކޮށް، އިގުތިސާދީ އާރޯކަން ގެނެސް ދެއްވާނެކަމުގެ އުފާވެރި ހަބަރު އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ޑރ.މުއިއްޒު މިރޭ ހުށަަހެޅުއްވި މެނިފެސްޓޯގައި ރާއްޖޭގެ ރައްޔިތުންނަކީ އިގްތިސާދީ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި މުޅިރާއްޖެއަށް އިގްތިސާދީ މަންފާ ލިބޭނެ އުފާވެރި ހަބަރުތައް ވަނީ ދެެއްވާފައެވެ.

މިއުފާވެރި ހަބަރުގައި އުތުރުގެ އެންމެ ބޮޑު އާބާދީ އޮތް ބޮޑު ތިލަދުން މަތީ ރައްޔިތުން ހިމެނޭހެން މުޅި އުތުރުގެ ރައްޔިތުންނަށް މަންފާވާނެ އުންމީދީ ތަސައްވަރެއް ވަނީ ހުށަހަޅާ ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ހިދުމަތްލިބޭ ސަރަހައްދެއް ގޮތުގައި، ހއ ހދ އަދި ށ އަތޮޅު ހިމެނޭ އުތުރުގެ ތަރައްގީގެ ޒޯނުގައި، އިދާރީ މައި ހަބްގެ ގޮތުގައި ހދ. ކުޅުދުއްފުށި ހިމަނާ ގޮތަށް ނިންމާފައިވާކަމަށެވެ . އަދި ބައިނަލް އަގުވާމީ ދޮރާށްޓެއްގެ ގޮތުގައި ހދ ހަނިމާދޫ ގާއިމުކުރާނެ ކަމަށް ވިދާޅުވިއިރު މުއިއްޒު ވަނީ ހއ، އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމު ކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.

ހަމަމިމޭރުމުން މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ހިދުމަތްލިބޭ ސަރަހައްދެއް ގޮތުގައި، ހުވަދު އަތޮޅާއި ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްގީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައާއިި ބައިނަލްއަގުވާމީ ދޮރާއްޓެއްގެ ގޮތުގައި އައްޑޫ ސިޓީ ހިމެނޭހެން ތަރައްގީ ގެނައުމަށް ނިންމާފައިވާ ކަމަށާއި އެތަނުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ސިނާއީ މަސައްކަތްތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި މެރިކަލްޗަރުގެ އިތުރުން ފަތުރުވެރިކަމުގެ ވަސީލަތްތައް ފުޅާކޮށް، ތަރައްޤީކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިވައުދުތަކަކީ މުޅި ރާއްޖެއަށް މިގެނެސް ދެއްވާ ތަރައްގީއަކީ އެކަމުގެ މަންފާ މުޅި ރާއްޖެއަށް ލިބިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް އުފާފާގަތިކަން ލިބޭނެ ގޮތަކަށް ރައްޔިތުން ބޭނުންވާ ގޮތަކަށް މިކަންކަން ކޮށްދެއްވާނެ ކަމަށެވެ. އަދި މިރޭ ވެވަޑައިގެންނެވި ކޮންމެ ވައުދަކީ ފުއްދާނެ ވައުތަކެއްކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.