އަންނަ ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް މޭލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ "ދިވެހީންގެރާއްޖެ" މިރޭ އިފްތިތާހް ކޮށްފިއެވެ.
މި މެނިފެސްޓޯ އިފްތިތާހުކުރީ ހުޅުމާލެ ފޭސް އެކެއް ދޭއް ނަންބަރު ބަސްހުއްޓި ކުރިމަތީ ގައި އޮންނަ ހުސްބިމުގައެވެ. އެ ރަސްމިއްޔާތުގެ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މި މެނިފެސްޓޯގެ ޝިއާރަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ދެއްވި ޝިއާރެއް ކަމަށެވެ. "ދިވެހީންގެރާއްޖެ" އަނބުރާ ހޯދައި ދިނުމަށް އެ މެނިފެސްޓޯ އެކުލަވާފައި ވަނީ 19 ޗެޕްޓަރުގެ މައްޗަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެ މެނިފެސްޓޯގައި ހުރި ކަންކަމުގެ ތެރެއިން ދިވެހިންގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ހައްލުވާނެ ވައުދަކީ ގެދޮރުވެރިކަމުގެ ވައުދު ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވައި އިޖްތިމާއީ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލެއް ހޯދައި ދެވޭ މައިގަނޑު ކަމަކީ ބޯ ހިޔާވަހިކަން ކަމަށާއި އަދި އެއީ އެންމެ ބޮޑު ހައްލު ކަމުގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ގެދޮރުވެރިކަމުގެ ބޭނުން ޖެހިފައިވާ އެންމެނަށް ގެދޮރުވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ މެނިފެސްޓޯ އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ފަޅު ފަޅުން ގޯތި ދޭން ނިންމައި ނާޅާ ހުރި އިމާރާތް ތަކުން ފްލެޓް ދޭން ލިސްޓު ނެރެފައިވާ ކަމަށެވެ. މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ބިންވެރިޔާ ސްކީމުން ގޯތި ލިބޭ މީހުންނަށް ލިބޭ ގޯތީގެ ހުރަހަކަށް ނުވާނެ ކަމަށެވެ. ބިންކޮޅެެއް ލިބުމަކުން އާންމު ރައްޔިތުންނަށް ނުފުދޭނެކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވީ އެ މީހުންނަށް އެ ބިމުގައި ގޯތި ހެދޭނެ ގޮތްތައް ހޯއްދަވައި ދެއްވާނެ ކަމަށެވެ.