ރާއްޖޭގެ މިފަސްގަނޑުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނަކަށް ނުތިބެވޭނެ ކަމަށާއި ދިވެހި ފަސްފަނޑު ބަލަހައްޓާނީ ދިވެހި ސަލާމަތީ ބާރުތަކުން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރިޔާސީ ކެމްޕޭންގައި މުއިއްޒުގެ މެނިފެސްޓޯގެ އެންމެ މުހިންމު ސިޔާސަތު ކަމުގައިވާ ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން ސިޔާސަތު ހާމަކޮށް ދެއްވުމަށް މިރޭ އެތައް ސަތޭކަ ރައްޔިތުންނާއިއެކު ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކޮންމެ ހާލަތެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދިވެހިންގެ މާތް ވެގެންވާ އިސްލާމް ދީނާއި، ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމަށް ކަމަށެވެ.

ދިވެހިންގެ ސަލާމާތާއި ރައްކާތެރިކަމާއި ދިވެހި ފަސްފަނޑު ބަލަހައްޓާނީ ދިވެހި ސަލާމަތީ ބާރުތަކުން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ މަސައްކަތަކީ ބުރަ ބޮޑު މަސައްކަތެއްކަން އިހުސާސް ކުރެވޭކަމަށެވެ.

މުއިއްޒު ވިދާޅުވީ މިސަރުކާރުގެ ހާރިޖީ ސިޔާސަތު ހަމައެކަނި ވަކި ގައުމަކަށް ގޮސް ހުހެއް ނުވާނެ ކަމަށާއި ހުރިހާ ގައުމަކާވެސް ގުޅުން ބާއްވައި، އިމުން ބޭރުވިޔަ ނުދީ ގައުމުގެ ހާރިޖީ ސިޔާސަތު ހަމަހަމަކަން މަތީ ގެންގުޅުއްވާނެކަމަށެވެ. ވަކި އެއްގައުމަކަށް ބަރޯސާވުމުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދު މިއޮތީ ނާޒުކު ފައްތަރެއްގައިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ދިވެހިންގެ ކަންކަން ނިންމުމުގެ ބާރު ދިވެހިންނަށް ލިބެންޖެހޭކަމަށާއި އަމިއްލަ ވަންތަކަމާއި މިނިވަންކަން ދަމަހައްޓައި ހައްގުބަސް އިއްވާނެކަމަށެވެ.

މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް ފައިސާ ބޮޑިބޮޑިއަށް ހިފައިގެން އަންނާނެކަން ހާމަކުރައްވައި އެފަދަ ވަގުތީ ފައިދާއަކަށްޓަކައި ފައިސާ ފޮއްޗަކަށް މިނިވަންކަން ވިއްކާލާނީތޯ ކޮންމެ ރައްޔިތަކު ހިތާހިތާ ސުވާލުކޮށްލަން ޖެހޭ ކަމަށެެވެ.