ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގައި ފުންނާބު އުސް މަޝްހޫރު އިލްމުވެރިޔާ ޝައިހް އުސްމާން އަބްދުﷲ އަވަހާރަވެއްޖެއެވެ.

ޝައިހް އުސްމާން އަވަހާރަވީ މިއަދު ފަތިހުގެ ވަގުތެއްގައި މާލޭގައެވެ.

ޝައިހް އުސްމާން އަވަހާރަވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ އޭނާ އަކީ ހިތްތިރިކަމާއި، ހުލްގު ހެޔޮކަމާއި، ހިތްހެޔޮ ކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.

މީގެ އިތުރުން ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި އުންމަތުގެ އިސްލާމީ ފަހުރެއް ކަަމަށްވާ ހިތްތިރި ޝަރަފްވެރި، އަދި ޒަކާތަށް ދިވެހިން ހޭލައްވާލި އިލްމުވެރިޔާ ޝައިހް އުސްމާން އަވަހާރަވި ހަބަރު އެއްސެއްވީ ނުހަނު ހިތާމައާ އެކުގައި ކަމަށެވެ.

ށ. މަރޮއްޓަށް އުފަން އުސްމާން އަވަހާރަވި އިރު އުމުރުފުޅަކީ 85 އަހަރެވެ.

އުސްމާނަކީ އެކި ދުވަސްވަރު، ދީނީ ގޮތުން ވެސް ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި، ދީނީ ގޮތުން ދިވެހިން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ދާދިފަހަކާ ޖެހެންދެންވެސް، އުސްމާން ވަނީ ދީނީ ތަފާތު މައުޟޫތަކަށް ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެއްވާފައެވެ.

ސައުދީ އަރަބިއާގެ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ކިޔަވާ ވިދާޅުވި އުސްމާން ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ އެކި އެކި މަގާމުތައްވެސް ފުރުއްވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މަޝްހޫރު ތޮއިބާ ސްކޫލް މާލޭގައި އުފެއްދެވި ތިން ބޭފުޅުންގެ ތެރޭގައި ވެސް އުސްމާން ހިމެނިވަޑައިގެންނަވަ އެވެ.

އުސްމާން އަށް ދައުލަތުން ވަނީ އިސްލާމް ދީން އުނގަންނައި ދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޝަރަފުވެރި ކަމުގެ ގައުމީ އިނާމު 2012 ގައި ލިބިވަޑައިގެންފައެވެ.

އެންމެ ފަހުން އޭނާގެ ހިދުމަތް ދައުލަތަށް ލިބުނީ، ޒަކާތާ ގުޅޭ ގޮތުން ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް އިސްލާމިކް މިނިސްޓްރީން އުފެއްދި ޒަކާތު ކޮމެޓީއަށް ލަފާ އަރުވާ ބޭފުޅެއްގެ ގޮތުގަ އެވެ.